ޚަބަރު

ކުޑަކުދިންގެ ޙައްގުތައް ރައްކާތެރި ކުރުމާގުޅޭ ފޯރަމެއްގައި ބައިވެރިވުމަށް ރާއްޖޭގެ އިލްމުވެރިންތަކެއް ފުރައިފި


ކުޑަކުދިންގެ ހައްޤުތަކަށް ރައްކާތެރިވުމާއި އަދި މި ޙައްގުތައް އަދާކޮށްދިނުމުގައި ދީނީ އިލްމުވެރިންގެ ދަޢުރާއި ގުޅޭގޮތުން "ސައުތް އޭޝިއާ ރިލިޖަސް ޕްލެޓްފޯމް ފޯ ޗިލްޑްރަން"ގައި މަޝްވަރާކުރުމަށް އިސްލާމިކް މިނިސްޓްރީގެ ޓީމެއް އަންނަ ހަފްތާގައި ބޫޓާނަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުމަކީ ޔުނިސެފްގެ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗައިލްޑް" ސީ.އާރް.ސީގެ 30ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދީނާއި ކުޑަކުދިންގެ ޙައްގުތަކާއި ހުރި ގުޅުމުގެ މައްޗަށް ސައުތު އޭޝިއާގެ ޤައުމުތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެވެ. މި ބައްދަލުވުމުގައި މައިގަނޑު 4 ދާއިރާއަކަށް އަލިއަޅުވާލާނެއެވެ. އެއީ ކުޑަކުދިންނަށް ކުރިމަތިވާ މައްސަލަތައް ހުއްޓުވުމާއި، ކުޑަކުދިންގެ ޙައްގުތައް ދިނުމުގައި ޖިންސުގެ ތަފާތުކުރުން ނައްތާލުމާއި، ފައިދާހުރި މަސައްކަތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، ކުދިންގެ ތަރައްޤީއަށް ސިޔާސަތުތައް ކަނޑައެޅުމާއި ގުޅޭގޮތުން ޙިޔާލު ހުށައެޅުމެވެ.

މިފަދަ ބައްދަލުވުމެއް ކުރިއަށް ގެންދިއުމުގެ މަޤްސަދުތަކުގެ ތެރޭގައި ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަރާފައިވާ މިންވަރާއި، އެކަންކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި، އަދި ދުނިޔޭގެ ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި މިކަންކަމުގައި ދީނީ އިލްމުވެރިންގެ ދަޢުރު ބަޔާން ކޮށްދިނުން ހިމެނެއެވެ. އަދި ކުޑަކުދިންނާއި ގުޅޭ ސިޔާސަތުތައް އެކަށައެޅުމުގައި ދީނީ ލީޑަރުންގެ ނުފޫޒުއޮތް މިންވަަރަށް އަލިއަޅުވާލާނެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޓީމްގައި އިސްލާމިކް މިނިސްޓްރީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީން ޖުމްލަ 5 ބޭފުޅުން ހިމެނެއެވެ.

ބައްދަލުވުން އޮންނާނީ މިމަހުގެ 28 އަދި 29ގައި ބޫޓާންގައެވެ.