ޖަޕަނީޒް ކެއުންތަކަށް ހާއްސަ ނިހޮންބާޝީ ބްލޫ ރެސްޓޯރަންޓް ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުޅުވައިފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގެ މެރީނާގައި ހުޅުވި ނިހޮންބާޝީ ބްލޫ ރެސްޓޯރަންޓަކީ ސޫޝީގެ އެކި ބާވަތްތަކަށް ހާއްސަ ރެސްޓޯރަންޓެކެވެ.
ސްރީލަންކާގެ ކުންފުންޏަކުން ހިންގާ ނިހޮންބާޝީ ރެސްޓޯރަންޓަކީ މީގެ 25 އަހަރު ކުރިން ޖަޕާނުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. މިރެސްޓޯރެންޓަކީ ސޫޝީގެ އެކި ބާވަތްތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ.
މިރެސްޓޯރެންޓު ހުޅުއްވާދެއްވީ ޖާޕާނުން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު ޔަނައި ކައިކޯއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ހަލީލާއި ކްރޮސްރޯޑްސްގެ އިސް އޮފިޝަލުންގެ އިތުރުން ރެސްޓޯރަންޓުގެ އިސް ފަރާތްތަކުންނެވެ.
ނިހޮންބޮޝީގެ މެނޭޖްމަންޓުން ބުނީ އެރެސްޓޯރެންޓުގައި ތައްޔާރުކުރާ ޑިޝްތަކުގައި ތާޒާ މަހާއި، ސީފުޑްގެ އެކި ބާވަތްތަކާއި ވަޅޯމަސް ބޭނުންކުރާނެކަމަށެވެ. ނަމަވެސް މިރެސްޓޯރެންޓުގެ އެންމެ ހާއްސަ އެއްޗަކަށް ވާނީ ވާގިޔު ބީފް، ނުވަތަ ޖަޕާނުގެ ހާއްސަ ބީފްގެ ޑިޝްތައްކަމަށް ރެސްޓޯރަންޓުން ބުނެއެވެ.
ނިހޮންބާޝީގެ ވެރިޔާ އަދި މައި ޝެފް ދަރްޝަން މުނިދާސާ ވިދާޅުވީ މިރެސްޓޯރެންޓުން ދިވެހިންނާއި ފަތުރުވެރިންނަށް އެއް އަގެއްގައި ކޮލިޓީ މޮޅު ސޫޝީގެ ބާވަތްތައް ލިބެން ހުންނާނެކަމަށެވެ.
"އަޅުގަނޑުގެ މައިގަނޑު މަޤްސަދަކީ އޮތެންޓިކް ޖަޕަނީޒް ކެއުމުގެ ތެރެއަށް ރެސްޓޯރެންޓު ހުންނަ ޤައުމެއްގެ ރަހަތައްވެސް ގެނެއުން. ރާއްޖޭގައި ވަޅޯމަހަކީ ރާއްޖޭގައި ހާއްސަ އެއްޗެއް. ޖަޕަނީޒް ސޫޝީގައި ބޭނުންކުރާ ކަޓްސުބޫޝީއަކީ ވަޅޯމަސް ކަހަލަ އެއްޗެއް. އެހެންވެ ސޫޝީގެ ބާވަތްތައް ތައްޔާރުކުރާއިރު ރާއްޖޭގެ މަހުގެ ބާވަތްތައް އަޅައިގެން ތައްޔާރުކުރުމުން ތަފާތުވާނެ. ރާއްޖޭގައި މޫދަ މިހާ ކައިރިވުމުން ތާޒާ މަސްވެސް ލިބޭނެ އެހެންވެ އެއީވެސް ހާއްސަކަމެއް." ސްރީލަންކާ އަދި ޖަޕާނަށްވެސް ނިސްބަތްވާ ނިހޮންބާޝީގެ ވެރިޔާ މުނިދާސާ ވިދާޅުވިއެވެ.
ނިހޮންބާޝީން ބުނީ ކްރޮސްރޯޑްސްގައި ރެސްޓޯރެންޓު ހުޅުވީ ގިނަ އަދަދެއްގެ ކަސްޓަމަރުން ދެވޭނެ ތަނަކަށް ވާތީކަމަށެވެ. ނިހޮންބާޝީ ރެސްޓޯރެންޓުގައި 15 ސްޓާފުން މަސައްކަތް ކުރަމުންދެއެވެ. 1995ގައި ސްރީލަންކާގައި ހުޅުވި މިރެސްޓޯރެންޓުގެ ދެ ތަން ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯ އަދި ކޭންޑީގައި ހުރެއެވެ. ނިހޮންބާޝީ ރެސްޓޯރެންޓަކީ ވޭތުވެދިޔަ 6 އަހަރު އޭޝިއާގެ އެންމެ މޮޅު 50 ރެސްޓޯރަންޓުގެ ލިސްޓުގައި ހިމެނިފައިވާ ރެސްޓޯރަންޓެކެވެ.