ވިޔަފާރި

268 ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅާފައެއް ނުވޭ


މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވަނީ މާލެ، ވިލިނގިލި، ހުލުމާލެ، އަދި ޓޫރިސްޓް ރިސޯޓުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތަކެވެ. ގެޒެޓްގައި އާންމުކޮށްފައިވާ ލިސްޓުގައި 268 ފަރާތެއް ހިމެނެއެވެ.

މިދިޔަ އަހަރުގެ 3 ވަނަ ކުއަރޓަރުގައި 268 ފަރާތަކުން ޖީއެސްޓީ ބަޔާން ހުށައަޅާ ފައިސާ ދައްކާފައިނުވާއިރު މިދިޔަ އަހަރުގެ 2 ވަނަ ކުއަރޓަރުގައި މި އަދަދު އުޅުނީ 202 ގައެވެ. އެހެންކަމުން މިއީ 66 މީހުންގެ އިތުރުވުމެކެވެ.

މީރާއިން ބުނީ މި ފަރާތްތަކުގެ ނަން އާންމުކޮށްފައިވަނީ އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންކަމަށެވެ. އަދި ލިސްޓު އާންމުކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ގުޅަން މަސައްކަތް ކޮށްފައިވާނެކަމަށް މީރާއިން ބުނެއެވެ.

އަހަރަކު ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުން ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް މީރާއިން މިހާރު ވަނީ ހަމަޖައްސާފައެވެ. 50 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތައް ވެސް ޖީއެސްޓީ ދައްކަން ޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށެވެ. މީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން ލާޒިމުނުވާ ފަރާތްތަކަށް ވެސް، މީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކިދާނެއެވެ.

ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަށް ހުށަނާޅައިފިނަމަ ފާއިތުވާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަދި ޓެކްސް ދައްކަން ޖެހޭ ދުވަހުން ފެށިގެން ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދުގެ 0.05 އިންސައްތަ އިން ޖޫރިމަނާ ކުރާނެ ކަމަށް މީރާއިން ބުނެއެވެ.