ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެއަތޮޅު ގުރައިދޫ ކައުންސިލަރުންނާ ބައްދަލުކުރައްވާ ރަށުގެ ކުރިއެރުމަށް ކުރައްވަމުންގެއްދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ގުރައިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުން ނާއިބު ރައީސާއި ޙިއްސާކުރައްވާފައެވެ.
އަދި ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި، މިހާރު ކުރިއަށްދާ މަސައްކަތުގެ މަޢުލޫމާތުވެސް ވަނީ އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.
އެ ރަށަށް މިހާރު އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކޮށްފައި ވަނީ ކުނި މެނޭޖު ކުރާނެ ރަނގަޅު ނިޒާމެއްގެ ޤާއިމުކުރުމެވެ.
އަދި ބިންހިއްކުމުގެ މަޝްރޫޢާއި، ސްކޫލަށް ކްލާސްރޫމްތަކެއް އިތުރުކުރުމުގެ މަޝްރޫއަށް ރައްޔިތުންގެ ފަރާތުން ހުށަހެޅި ބައެއް ޚިޔާލުތައް ކައުންސިލުން ވަނީ ނައިބު ރައީސާއި ޙިއްސާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު ބައެއް ކަންކަމާއި އިޖްތިމާއީ ދުޅަހެޔޮކަމަށް ބޭނުންވާ ބައެއް ކަންތައްތަކާއި ބެހޭގޮތުންވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިޞްލާހާއި އެކު ކައުންސިލުތައް އިތުރަށް ބާރުވެރި ވެގެންދާއިރު ރަށުގެ މުހިންމު ކަންކަން ނިންމުމުގައި ވީހާވެސް ބޮޑަށް ރައްޔިތުންނާއި މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތް ކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައިޔ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގުރައިދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.