ޚަބަރު

ނ. ހޮޅުދޫގައި ކުނި މެނޭޖްކުރުމަށް ޖަޕާނު ސަރުކާރުން ތިމާވެއްޓާ ރައްޓެހި އިންސިނަރޭޓަރެއް ހަދިޔާކޮށްފި


ނ. ހޮޅުދޫގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ޖަޕާން ސަރުކާރުން ތިމާވެއްޓާ ރައްޓެހި އިންސިނަރޭޓަރެއް ހަދިޔާކޮށްފިއެވެ.

އެކަމަށްޓަކާ ހޯމް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އިންސިނިރޭޓަރ ހަދިޔާކުރުމުގެ ލިޔުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އަދި ހޮޅުދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް މުޙައްމަދު ނަޞީރެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން މި އިންސިނަރޭޓަރ ހަދިޔާކޮށްފައިވަނީ ޖަޕާން ސަރުކާރުން ކުރިއަށްގެންދާ "ގްރާންޓް އެސިސްޓެންސް ފޯރ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް" ޖީ.ޖީ.ޕީ ސްކީމްގެ ދަށުން. އަދި މި އިންސިނަރޭޓަރުގެ އަގު 4 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން މަޢުލޫމާތުދެއްވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، ހޮޅުދޫއަށް ހަދިޔާކުރާ މި އިންސިނަރޭޓަރަކީ ރާއްޖޭގެ ގުދުރަތީ ވެއްޓާ ގުޅޭނެހެން ވީހާވެސް ޚަރަދުކުޑަކޮށް ހިންގޭ ގޮތަށް ޑިޒައިންކޮށްފައިވާ އިންސިނަރޭޓަރެއްކަމަށެވެ. އެގޮތުން މިއީ ރާއްޖޭގެ ރަށެއްގައި އިންސްޓޯލްކުރާ ސްމޯކްލެސް، އަދި ޓޮކްސިކް ގޭސް ފްރީ ފުރަތަމަ އިންސިނަރޭޓަރުކަމަށްވެސް ޖަޕާން ސަފީރު ވިދާޅުވިއެވެ.

ނ. ހޮޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނަޞީރު ވިދާޅުވީ، ކުނީގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ވަރަށް ބޮޑު އިޖްތިމާޢީ މައްސަލައެއްކަމަށެވެ. ވަކިން ޚާއްސަކޮށް ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމާއެކު، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އެންމެ އެކަށީގެންވާ ނިޒާމެއް ރަށުގައި މިހާތަނަށްވެސް ޤާއިމުވެފައިނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޖަޕާނުން މި ހަދިޔާކުރި އިންސިނަރޭޓަރާއެކު ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ނަޞީރު ވިދާޅުވިއެވެ.

1996 ވަނަ އަހަރު ފެށިގެން ޖަޕާން ސަރުކާރުން ކުރިއަށްގެންދާ ޖީ.ޖީ.ޕީ ސްކީމްގެ ދަށުން ޖަޕާން ސަރުކާރުން ދާދިފަހުން ވަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. އަދި އަޑުއިވުމާއި ފެނުން ރަނގަޅުތޯ ބެލުމަށް ބޭނުންކުރާ މެޝިން ހޯދުމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް 6 ލައްކަ ރުފިޔާގެ ފައިސާގެ އެހީވެސް މި ސްކީމުގެ ދަށުން ދީފައި ވެއެވެ.