ޚަބަރު

ބަސް ކާޑު ރީޗާރޖްކޮށްދޭ ކާޑު އޭޖެންޓުން މިދަނީ އިތުރުކުރަމުން - އެމް.ޕީ.އެލް


އެމް.ޕީ.އެލްގެ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކާ ކާޑު އޭޖެންޓުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެއަށް ބަސް ދަތުރުކުރާ ފަރާތްތަކުން ޓަޗް ލިންކް ކާޑެއް ބޭނުންކުރަންޖެހޭއިރު، ކާޑު ޓޮޕް-އަޕް ނުވަތަ ރީޗާރޖްކުރެވޭ ތަންތަން މަދުކަމުގެ ޝަކުވާއަކީ ޢާއްމުންގެ ޝަކުވާއެކެވެ.

އެމް.ޕީ.އެލުން ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުގެ މެނޭޖަރ އިބްރާހީމް މައުމޫން ވިދާޅުވީ، ބަހުގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކާޑު އޭޖެންޓުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ކާޑު އޭޖެންޓްތައް މެދުވެރިކޮށް ކާޑު ހެއްދުމާއި، ކާޑު ރީޗާރޖްކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މައުމޫން ވިދާޅުވީ، ސްޓެލްކޯ ސަރަޙައްދާއި، މަޖީދީމަގުގައި އެ ކުންފުނީގެ ކާޑު އޭޖެންޓުން ވަރަށް އަވަހަށް ޤާއިމުކުރެވިގެންދާނެކަމަށެވެ.

"ބޭރު މަގު ސްޓެލްކޯ ބަސް ސްޓޮޕަކީ ވަރަށް ޑިމާންޑު ބޮޑު ސަރަޙައްދެއް. ބަންދަށްފަހު ސަރުކާރު ހުޅުވުމާއެކު ސްޓެލްކޯ އިމާރާތުގައި އިންނަ ފިހާރައިން ބަސް ކާޑު ރީޗާރޖްކުރެވޭނެ. މަޖީދީމަގު އަރޓިފިޝަލް ބީޗް ކައިރިންވެސް އޭޖެންޓެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިދަނީ ޑިމާންޑަށް ބަލާ ބަސް ރޫޓްތައް އިތުރުވާ މިންވަރަކުން އޭޖެންޓުންވެސް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން" ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުގެ މެނޭޖަރ އިބްރާހީމް މަޢުމޫން ވިދާޅުވިއެވެ.

ބަސް ދަތުރުކުރުމަށް ބޭނުންކުރާ ކާޑު މިހާރު މާލެއާއި ހުޅުމާލެ ހިމެނެހޭން ޖުމްލަ 6 ތާކުން ރީޗާރޖްކުރެވޭނެ އިންތިޒާމް އެމް.ޕީ.އެލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ބަސް ޓަރމިނަލާއި، މާލޭގައި ހުންނަ ވިލިމާލެއާއި ހުޅުމާލޭ ފެރީ ޓަރމިނަލުން ކާޑު ރީޗާރޖްކުރެވޭނެއެވެ. އަދި ހުޅުމާލޭ ހުންނަ އެމް.ޓީ.ސީ.ސީ ފެރީ ޓަރމިނަލާއި، ފެހި ޕްލާޒާގެ އިތުރުން މައި މޯބައިލް ޝޮޕްއިންވެސް ކާޑު ރީޗާރޖްކުރެވޭނެއެވެ.

ބަސް ދަތުރުކުރާ ފަރާތްތަކަށް އެމް.ޕީ.އެލުން ދާދިފަހުން ތަޢާރަފުކުރި "މާލެ ބަސް" މޯބައިލް އެޕް މެދުވެރިކޮށް ކާޑު އޭޖެންޓުންގެ ލޮކޭޝަންތައް ބަލާލެވުމުގެ އިތުރުން ކާޑުގެ ބެލެންސް ބަލާލެވޭނެ އިންތިޒާމްވެސް އެމް.ޕީ.އެލުން ވަނީ ހަމަޖައްސާފައެވެ. މާލެ، ހުޅުލެ އަދި ހުޅުމާލެއަށް ދެމުންދާ ބަހުގެ ޚިދުމަތް ދުވާލެއްގެ މައްޗަށް ދިހަ ހާހާއި ފަނަރަހާހާއި ދެމެދުގެ މީހުން ބޭނުންކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.