ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ނުކުންނަ އިރު އަމާޒަކީ ތަފާތު ކުޑަކުރުންކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް ބުނެފިއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ފުރަތަމަ ބުރުގައި މި ދެޓީމުގެ ކުރުމަތިލުން 8 ސުމަކުން ކާމިޔާބު ކުރީ ގްރީން ސްޓްރީޓްސްއެވެ.
ލީގުގެ ދެވަނަ ބުރުގައި ގްރީން ސްޓްރީޓާއި ދެކޮޅަށް ޔޫވީ ނުކުންނާނީ މިރެއެވެ. މި މެޗްގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ނޫސްވެރުިންނާއި ވާހަކަދައްމުން ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުނީ ގްރީން ސްޓްރީޓްސްގައި ތިބި ކުޅުންތެރިންނަކީ ފެންވަރުގެ ގޮތުން ތަފާތު ކުޅުންތެރިންތަކެއްކަމަށެވެ. އެހެންކަމުން މިރޭގެ މެޗްގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މީގެ ކުރީގެ މެޗުން ނުކުން ތަފާތު ކުޑަކުރުންކަމަށެވެ.
ލީގުގައި އެންމެ ފަހުން ށ.ފޯކައިދޫއާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މުހައްމަދު އާދަމް ބުނީ، ގިނަ ދުވަސްތަކެއް ވަންދެން މެޗެއް ނުކުޅެ ތިބުމަށްފަހު މެޗަށް ނުކުތުމުން ގިނަ މިސްޓޭކްތަކެއް އެ މެޗްގައި ހެދިފައިވާކަމަށެވެ.
މީގެ ކުރިން ޔޫވީ ކުޅުނު ގިނަ މެޗުތަކުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އެ ޓީމްގެ ގޯލު ފޫއަޅުވާލާފައިވާކަން ކޯޗް ފާހަގަކުރިއެވެ. އެހެންކަމުން މިރޭގެ މެޗަށް ނުކުންނަ އިރު ހުރިހާ ކުޅުންތެރިުންގެ އަމާޒަކީ އެކަން ބަދަލުކުރުންކަމަށްވެސް ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.
"ލީގުގައި ދެން ޔޫވީ މި ނުކުންނަ ގްރީން ސްޓްރީޓްސްއަކީ ވަރަށް ވަރުގަދަ ޓީމެއް، ކުރިން ކުޅެފައި އޮތް މެޗުގައި ޔޫވީ ކޮޅަށް 8 ލަނޑު ޖަހާފައި އޮތް ޓީމެއް. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވާނަން އެކަމަށް. މީގެ ކުރިން ކުޅުނު ގިނަ މެޗުތަކުގައި ފުރަތަމަ 10 މިނެޓު ތެރޭގައި ލަނޑެއް ވަދެފައި އެބަ އިނދޭ. އެކަން ހުއްޓުވަން މިހާރު ވަރަށް މަސައްކަތް ކުރޭ ކުޅުންތެރިން." މުހައްމަދު އާދަމް ބުންޏެވެ.
12 މެޗް ކުޅެ 12 ޕޮއިންޓާއި އެކު ޔުނައިޓެޑް ވިކްޓްރީ އޮތީ ޕޮއިންޓް ޓޭބަލްގެ 7 ވަނާގައެވެ. 20 ޕޮއިންޓާއިއެކު ގްރީން ސްޓްރީޓް މިވަގުތު އޮތީ ޕޮއިންޓް ޓޭބަލްގެ ތިންވަނާގައެވެ.