މި އަހަރުގެ 2 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން މީރާއިން އާންމުކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ ލިސްޓުގައި 202 ފަރާތެއްގެ ނަން ވަނީ އާންމުކޮށްފައެވެ. މި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މާލެ، ވިލިނގިލި، ހުލުމާލެ، އަދި ޓޫރިސްޓް ރިސޯޓުތަކުގައި ވިޔަފާރިކުރާ ފަރާތްތަކެވެ.
މީރާއިން ބުނީ މި ފަރާތްތަކުގެ ނަން އާންމުކޮށްފައިވަނީ އެ ކުންފުނީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންކަމަށެވެ. އަދި ލިސްޓު އާންމުކުރުމުގެ ކުރިން އެ ފަރާތްތަކުން މީރާއަށް ދީފައިވާ ނަންބަރުތަކަށް ގުޅަން މަސައްކަތް ކޮށްފައިވާނެކަމަށް މީރާއިން ބުނެއެވެ.
އަހަރަކު ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުން ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް މީރާއިން މިހާރު ވަނީ ހަމަޖައްސާފައެވެ. 50 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތައް ވެސް ޖީއެސްޓީ ދައްކަން ޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށެވެ. މީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން ލާޒިމުނުވާ ފަރާތްތަކަށް ވެސް، މީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކިދާނެއެވެ.
ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަށް ހުށަނާޅައިފިނަމަ ފާއިތުވާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަދި ޓެކްސް ދައްކަން ޖެހޭ ދުވަހުން ފެށިގެން ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދުގެ 0.05 އިންސައްތަ އިން ޖޫރިމަނާ ކުރާނެ ކަމަށް މީރާ އިން ބުނެއެވެ.