ވިޔަފާރި

ސަރުކާރުގެ ފުރަތަމަ އަހަރު ފަތުރުވެރިކަން ކުރިއެރުވުމަށް 96 މިލިއަން ރުފިޔާގެ ލޯނު


މިސަރުކާރުގެ ފުރަތަމަ 1 އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް 96 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް 1 އަހަރު ފުރިފައިވާއިރު ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، ކާމިޔާބީތަކެއްވެސް ހާސިލްކުރެވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މިވީ ދުވަސްކޮޅުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް 96 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ފަތުރުވެރިކަމަށް ސަރުކާރުން ދޫކުރި ލޯނުގެ ބޮޑުބައެއް ހިއްސާކުރަނީ ގެސްޓްހައުސް ސިނާއަތްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމާއެކު އާއްމު ރައްޔިތުންނަށް ފަތުރުވެރިކަމުގެ ސިނާއަތުން ސީދާ ގޮތެއްގައި މަންފާ ލިބިގެން ދާނެ މަގު ފަހިކޮށްދިނުމެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދޫކުރި ލޯނުގެ 86.7 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށެވެ. މި ސަރުކާރުގެ ފުރަތަމަ 1 އަހަރު ދުވަހުގެ ތެރޭގައި 90 އައު ގެސްޓްހައުސް ވަނީ ހުޅުވާފައެވެ. މި 90 ގެސްޓްހައުސްއާއިއެކު 1336 އެނދުވަނީ ފަތުރުވެރިކަމަށް އިތުރުވެފައެވެ. އަދި 518 އައު ވަޒީފާގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.

ގެސްޓްހައުސް ސިނާއަތްކުރިއެރުވުމަށް މިއަހަރުގެ ތެރޭގައި ގެސްޓްހައުސް ސިންޕޯސިއަމެއްވެސް ސަރުކާރުން ވަނީ ބާއްވާފައެވެ. އަދި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހައި ތަނެއް އިންސްޕެކްޓްކޮށްވެސް މިހާރު ވަނީ ނިންމާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ގެސްޓްހައުސްތަކުގެ އަދަދު 553 އަރައެވެ. މީގެތެރެއިން 552 ގެސްޓްހައުސް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މިއާއިއެކު ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީ އުޅޭނީ 9093 ގައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަހަރު ހާސިލްކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލްވެވުމެވެ. ސަރުކާރުން މިހާރު ހާމަކުރައްވާފައިވަނީ މިއަދަދު އިތުރުވެ 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ އެކަށީގެންވާކަމެއްކަމަށެވެ.