ޚަބަރު

އުޅަނދުތަކުން ތިލަފުއްޓަށް ކުނި ވަކިކޮށްގެން ގެންދަން އިލްތިމާސްކޮށްފި


  • ކުނިއެޅުމަށް ޖަމްބޯ ބޭގް ނުވަތަ ކާގޯ ނެޓް ބޭނުންކުރަން އެދިފައިވޭ

  • އުސޫލާ ހިލާފުވާ އުޅަނދުތަކަށް ހިދުމަތެއް ނުދޭނެ

ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފެސިލިޓީއިން ޚިދުމަތްދޭނީ، މިންގަނޑާ އެއްގޮތަށް ކުނި ގިންތިކޮށް ވަކިކޮށްގެން އަންނަ ދޯނިފަހަރަށް އެކަނިކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ވެމްކޯއިން ބަޔާނެއް ނެރެފައިވަނީ، އެއްވެސް ތަރުތީބެއް ނެތި ތިލަފުއްޓަށް ކުނި އުކާލުމަށް ކުނި އެއްކޮށްގެން ގެންދާ ސަބަބާ ގުޅިގެންނެވެ.

ވެމްކޯއިން ވިދާޅުވީ، ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ކުނި ގެނައުމާއި، ޚިދުމަތް ދިނުމުގެ އުސޫލުގައި ކުނި ވަކިކުރުމަށް ކަނޑައަޅާފައިވީނަމަވެސް، ދޯނިފަހަރުގައި ގެންނަ ގިނަ ކުނި ވަކިނުކޮށް އެއްކޮށްފައި ހުންނަކަން ފާހަގަވަމުންދާ ކަމަށެވެ.

މީގެ ސަބަބުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ތިލަފުށި ފެސިލިޓީއަށް ގެނެވޭ ކުނި ގިންތިކޮށް ވަކި ކޮށްފައި ހުންނަންވާނީ ގަސްކުނި، ބަދިގެކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުނޑި، ބިއްލޫރި އަދި އެހެނިހެން ބާވަތުގެ ކުނި ވަކިކޮށްގެން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މީގެއިތުރުން ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގު ނުވަތަ ކާގޯ ނެޓު ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވެމްކޯއިން އިލްތިމާސްކުރެއެވެ.

އޭގެ ސަބަބުން ދޯނިން ކުނި ބޭލުމަށް ހޭދަވާ ވަގުތު ކުޑަވެ، ޚިދުމަތް ދޭ ފަރާތާއި ޚިދުމަތް ހޯދާ ފަރާތަށްވެސް އޭގެ ފަސޭހަވާނެ ކަމަށެވެ. އަދި މޫދަށް ކުނި އެޅުން ފަދަ ތިމާވެއްޓަށް ގެއްލުންވާ ކަންކަމުން ރައްކާތެރިވެވޭނެއެވެ.

ވެމްކޯއިން ވިދާޅުވީ، މި އުސޫލާ ޚިލާފަށް ތިލަފުށި ސެންޓަރަށް ކުނި ގެންނަ ފަރާތްތަކަށް ޚިދުމަތް ނުދެވޭނެ ކަމަށެވެ. މިއީ، ކަނޑައެޅިފައިވާ އުސޫލުތަކަށް އަހުލުވެރިކޮށް ބާރުއެޅުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. މިގޮތަށް ޢަމަލުނުކުރާ އުޅަނދުފަހަރު ފޮނުވާލުމަށްފަހު، ސަބަބު ބަޔާންކޮށް އުޅަނދުގެ މަޢުލޫމާތު ކަމާބެހޭ މުވައްސަސާތަކާވެސް ޙިއްސާކުރުމަށް ވަނީ އަންގާފައެވެ.

އެހެންކަމުން ކަނޑައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ވެމްކޯއިން ދޭ އިރުޝާދާ އެއްގޮތަށް، ޢަމަލުކުރަމުން ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.