ޚަބަރު

ޔަހޫދީންނަށް އެހީވާން އެމެރިކާގެ އިތުރު ސިފައިންނާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ


މެދުއިރުމަތީގެ މަސްރަޙުގައި އަސްކަރީ ނުތަނަވަސްކަން އިތުރަށް ހޫނުވެދާނެ ކަމަށް ބަލައި، ކުރިއަށް އޮތް ހަފުތާތަކުގައި އެމެރިކާއިން ޔަހޫދީ ދައުލަތަށް އެހީވުމަށް އިތުރު ސިފައިންނާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޔަހޫދީންގެ ނޫހަކުން ދިފާޢީ އޮފިޝަލުންނާ ޙަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، މިހާރުވެސް އެމެރިކާގެ ގާތްގަނޑަކަށް 3،000 ސިފައިން ޔަހޫދީ ދައުލަތުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މި ސިފައިންގެ މައިގަނޑު ދަޢުރަކީ ވައިގެ ދިފާޢީ މިސައިލް ނިޒާމުތައް ބެލެހެއްޓުމާއި، އުދުހުންތަކުގެ އޮޕަރޭޝަންތައް ހިންގުމާއި، އަސްކަރީ ހަރަކާތްތައް ރޭވުމުގައި އެހީތެރިކަން ދިނުމުގެ އިތުރުން އަސްކަރީ މައި މަރުކަޒުތަކުގެ ކަންކަން ވިލަރެސްކުރުމެވެ.

ފާއިތުވި ދުވަސްތަކުގައި އާންމު އުޞޫލުން ސިފައިން ބަދަލުކުރުމުގެ ކަންކަން ކުރިއަށްދިޔަ ނަމަވެސް، މިހާރު އޮތް އަސްކަރީ ޤާބިލުކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެމެރިކާއިން އިތުރު ސިފައިންނާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ވަރަށް އަވަހަށް ފޮނުވާނެކަން ޔަހޫދީ ދައުލަތުގެ ދިފާއީ އިދާރާތަކުން ވަނީ ޔަޤީންކޮށްދީފައެވެ.

ޔަހޫދީންގެ ދިފާޢީ އޮފިޝަލަކު ބުނީ، ސަރަޙައްދީ ދުޝްމަނުން ދަނީ ޔަހޫދީ ދައުލަތާއި އެމެރިކާގެ އިންތިޚާބީ މަސްރަޙަށް ފާރަވެރިވަމުން ކަމަށާއި، ފުރިހަމަ ހަނގުރާމައަކަށް ނުގޮސް ސަރަޙައްދުގެ ހަމަޖެހުން ނަގާލެވޭނެ ދަނޑިވަޅުތައް ބަލަމުން ކަމަށެވެ.

އީރާނުން އަލުން ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފިނަމަ، ރައްދު ދޭނެ ގޮތްތަކާއި، އީރާނުގެ އެތެރޭގެ މުހިންމު އަމާޒުތަކަށް ހަމަލާދިނުމުގެ ރޭވުންތައް، ޔަހޫދީންގެ ދިފާޢީ ބާރުތަކާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގުޅިގެން މިހާރު ދަނީ އެކުލަވާލަމުންނެވެ.

މިފަދަ އަސްކަރީ ތައްޔާރީތަކެއް ވަމުންދާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާޤްޗީ ވަނީ ޚާރިޖީ މަޝްވަރާތަކަށް އީރާނުން އަދިވެސް މަރުޙާބާ ކިޔާނެ ކަމަށް ވެރިރަށް ތެހެރާންގައި ތިއްބެވި ބޭރުގެ ޚާރިޖީ ބޭފުޅުން އަރިހު ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަމަވެސް، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި، ޤަޠަރު މެދުވެރިކޮށް އީރާނުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހުށަހެޅި 7 ޝަރުތެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޤަބޫލުނުކުރައްވައި ބޭރުކޮށްލައްވާފައެވެ.

މީގެއިތުރުން، ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީންގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ސަބަބުން ގަލްފު ސަރަޙައްދުގެ ސަލާމަތީ ގުޅުންތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ޔަހޫދީން ލަފާކުރެއެވެ. އަދި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާ ދެމެދު އެއްބާރުލުން ދިނުން އިތުރުވެފައިވާކަން ފާހަގަކޮށް، ޔަހޫދީންގެ އޮފިޝަލަކު ވަނީ، ހޫޘީންނާ ދެކޮޅަށް ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، ފަހުން ކުރިމަތިވާ ހަމަލާތަކާ އެކަނި ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ސަރަޙައްދީ ޤައުމުތަކަށް ދީފައެވެ.

މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ގޮސްފައިވަނީ، ޔަމަންގެ އަލް ޙުދައިދާ އާއި ތަޢިޒް ޕްރޮވިންސްގައި ހޫޘީން ކުރިހޯދައި، މޮޚާ ބަނދަރާއި ބާބުލްމަންދަބް ކަނޑުއޮޅި ކޮންޓްރޯލް ކުރެވޭ ފަދަ މުހިންމު ސަރަޙައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ.