ޚަބަރު

ލަންކާގެ އިންތިޚާބީ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ


ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު މައި ކެނޑިޑޭޓް، ގޮތަބަޔާ ރާޖަޕަކްސަ ހޯއްދެވި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސްރިލަންކާގެ ދިފާޢީ ވަޒީރުކަންވެސް ކުރައްވާފައިވާ ގޮތަބަޔާ ލަންކާ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ކުރެއްވި ޓުއީޓެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިއަދާއިހަމައަށް ލަންކާއާއެކު އޮތް ގާތް ގުޅުން އިންތިޚާބީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ވެރިކަމުގައިވެސް ދެމިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ގުޅުން އައު ސަރުކާރާއެކު އިތުރު ދާއިރާތަކުން ބަދަހިކުރުމަށް ބޭނުންފުޅުވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކުރެއްވި ޓުއީޓް

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ޤައުމުގެ ރިޔާސީ ރޭސް ކާމިޔަބުކުރެއްވީ އިދިކޮޅު މައި ޕާޓީގެ ކެނޑިޑޭޓް، ކުރީގެ ދިފާޢީ ވަޒީރު ގޮތަބަޔާ ރާޖަޕަކްސައެވެ. އެ ޤައުމުގެ މައި އިދިކޮޅު ޕާޓީ އެސްއެލްޕީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ގޮތަބަޔާއަކީ 10 އަހަރުވަންދެން ސްރީލަންކާގައި ވެރިކަން ކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިޔަށްދިޔަ އިންތިޚާބުގައި ގޮތަބަޔާއަށްވަނީ %48.2 ވޯޓު ލިބިވަޑައިގެންފައެވެ. އަދި ރާޖަޕަކްސައާ އެންމެ ގާތުން ވާދަކުރެއްވި ސަޖިތް ޕްރަމަދޭސާއަށް ލިބިވަޑައިގަތީ %45.3 ވޯޓެވެ.