ޚަބަރު

ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅަށް ރާއްޖެއާއި މޮރޮކޯ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ޓެރަރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅަށް ރާއްޖެއާއި މޮރޮކޯ ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިހާރު މޮރޮކޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މޮރޮކޯގެ ބޮޑު ވަޒީރު ޑރ. ސާދް އަދީން އަލް އުސާމާއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މޮރޮކޯގެ ބޮޑު ވަޒީރާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ހެޔޮ އެދުމާއި ތަޙުނިޔާ ބޮޑު ވަޒީރަށާއި މޮރޮކޯގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. ޚާރިޖީ ވަޒީރުވަނީ، އެމަނިކުފާނުގެ މި ދަތުރުފުޅަކީ، ދެ ޤައުމުގެ ގުޅުން ބަދަހިކޮށްދީ މި ގުޅުން އިތުރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ދަތުރުފުޅަކަށް ވާނެކަމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ކުރައްވާފައިވާ ޓުއީޓް

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވަނީ، ޓެރަރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅަށް މުޅި ދުނިޔެ ނިކުންނަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ވަބާ ފުހެލުމަށް އެންމެހާ ޤައުމުތައް އެކަތިގަނޑަކަށްވެ އެކުގައި މަސައްކަތްކުރުން މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ނުރައްކާތެރިވަބާގެ ސަބަބުން މުޅި އިންސާނިއްޔަތަށް ހުރި ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާ ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި، މޮރޮކޯގެ ބޮޑު ވަޒީރުވަނީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދުގެ އިތުރުން މަތީ ތަޢުލީމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލްއާއި ދިވެހިރާއްޖެއިން ޔޫ.އޭ.އީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޙުސެއިން ނިޔާޒްއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަޙްމަދު ޝިއާންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ މުޢުމިނާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މޮރޮކޯގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފައިވާއިރު، އެމަނިކުފާނު ދަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވާ މުހިންމު އެއްބަސްވުންތަކެއްގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން ސޮއިކުރައްވާފައެވެ. އެގޮތުން 90 ދުވަހުގެ އޮން އެރައިވަލް ވިސާގެ އެއްބަސްވުމަކާއި، ދެ ޤައުމުގެ ޚާރިޖިއްޔާގެ ގުޅުން ބަދަހިކުރުން އަދި އިސްލާމްދީނާއި ގުޅޭ ކަންކަމުގައި އެއްބާރުލުންދިނުމަށް ވަނީ އެއްބަސްވެފައެވެ.