ޚަބަރު

ވޭތުވެދި 6 އަހަރަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދީ މިއަހަރު - ރައީސް


ވޭތުވެދިޔަ 6 އަހަރަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިންގާފައިވަނީ މިއަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގްރޫޕް މާރަމާރީ ހިންގި ނިސްބަތްވަނީ މިދިޔަ އަހަރާއި އަލާބަލާއިރު %50 މިއަހަރު މަދުވެފައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުން އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހިނގާ 2019 ވަނަ އަހަރު ގްރޫޕް މާރާމާރީއާއި، ގޭންގް ކުށްތަކުގައި އެއްވެސް މިހެއްގެ ފުރާނަ ގެއްލިފައި ނުވާކަންވެސް ރަޢީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ. ނިމުނު 6 އަހަރު މާރާމާރީއާއި ގޭންގް ކުށްތަކުގައި 21 މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.

ގްރޫޕްތަކުގެ މެދުގައި ހިންގާ މާރާމާރީއާއި، ކުށްތަކުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ. ނަމަވެސް ފުލުހުންގެ އާ ސިޔާސަތުތަކާއެކު މާލެތެރެއާއި އަދި އެކި ރަށްތައްވެސް ރަނގަޅު ނިޒާމެއްގެ ދަށުން މޮނިޓަރކުރަންވަނީ ފަށާފައެވެ.

ރަޢީސްގެ ވާހަކަފުޅުގައިވެސްވަނީ ރާއްޖޭގެ އިޖްތިމާޢީ ހަމަޖެހިމާއި، އާއްމު ރައްޔިތުންގެ ރައްކާތެރިކަމަށް ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި ޚާއްސަކޮށް ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމުކުރުމަށް ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސްވަނީ ފުލުހުންނަށް ޝުކުރު ޢަދާކުރައްވާފައެވެ.