ޚަބަރު

ޤާޟީ ހައިލަމް ސުލޫކީ މިންގަނޑާ ޚިލާފު ޕޯސްޓެއް ކުރެއްވި މައްސަލައެއް ބަލަން ނިންމައިފި


ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމް ނަޞްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެގޮތުން ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕަކަށް ކުރައްވާފައިވާ ޕޯސްޓުގެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަން ނިންމައިފިއެވެ.

ޖޭއެސްސީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓްގެ ވައިބަރ ގްރޫޕް "ސީސީއާރުސީ އެކުވެރިންގެ ދަރުބާރު" ވައިބަރ ގްރޫޕްގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމް ޖަހާފައިވާ ޕޯސްޓާ ގުޅިގެން ސުލޫކީ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަޙްޤީޤު ކޮމިޓީ އެކުލަވާލެވުނެކަމަށެވެ.

ކޮމިޝަނުން މިހެން ނިންމީ، މިޢަމަލަކީ ސާބިތުވެއްޖެނަމަ، ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވާނެ މައްސަލައަކަށްވާތީ ކަމުގައި ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. 3 ނޮވެމްބަރުގެ ތަހުނިޔާ ކިޔުމަށް ޤާޟީ ހައިލަމް ކުރައްވާފައިވާ ޕޯސްޓަކީ ޤާޟީއެއްގެ ހައިސިއްޔަތުން ކޮށްގެންވާނެފަދަ ޕޯސްޓެއް ނޫންކަމަށް ދެކޭ ކަމުގައިވެސް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

ޖޭއެސްސީން ޤާޟީ ހައިލަމްގެ މައްސަލައެއް ބެލުމަށް ނިންމާފައިވާއިރު، އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރެވޭ ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ވަނީ އެޖެންޑާކޮށްފައެވެ. މިމައްސަލަ ބައްލަވަމުން ގެންދަވަނީވެސް ޤާޟީ ހައިލަމެވެ.