ޚަބަރު

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާއި ދުރަށް ދަތުރުކުރަން ފަށައިފި


ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ މިހާރު އެ ކޮޅިގަނޑު ދަތުރުކުރަމުންދަނީ ރާއްޖޭގެ ހުޅަނގު އުތުރަށް ކަމަށެވެ. އަދި އިތުރަށް އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާލުވެއެވެ.

މީގެ އިތުރުން ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެ މަތީ އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.