ޚަބަރު

އިންޑިއާއާއި ޗައިނާއިން ރާޢްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ މަޢުލޫމާތު ފޮރިން މިނިސްޓަރ އޮޅުންފިލުއްވައިފި


ރާއްޖޭގައި އިންޑިއާއާއި ޗައިނާއިން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ އެންމެފަހުގެ މަޢުލޫމާތު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އޮޅުންފިލުއްވައިފިއެވެ.

ފޮރިން މިނިސްޓަރ މި މަޢުލޫމާތު ހޯއްދަވާފައިވަނީ، އިންޑިއާ އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ދެ ސަފީރުންނާއި ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުއާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ދެ ޤައުމުގެ ގުޅުމަށް އައި ހެޔޮ ބަދަލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދެ ޤައުމު ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކާއި ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމު ގުޅިގެން ކުރިއަށް އޮތް ތަނުގައި ކުރިއަށްގެންދެވޭނެ ކަންކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާގެ ސަފީރާއި ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއާގެ ސަފީރު ސަންޖޭ ސުދީރަށްފަހު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލީ ޒޯންގްއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ރާއްޖެއާއި ޗައިނާގެ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެެވެ. ސަފީރު ޒޭންގް ލީޒޮންގްވަނީ ރާއްޖޭގެ ތަރައްޤީގައި ޗައިނާއިން އަބަދުވެސް މަދަދުވެރިވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.