2025ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ހެޕަޓައިޓިސް ބީ ބައްތާލުމަށް ނައްތާލަން އަމާޒުހިފާފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުއްﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެޕަޓައިޓިސްޑޭ 2019 ފާހަގަ ކުރުމަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޙަފްލައެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ހެލްތު މިނިސްޓްރީގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރައްވާފައެވެ. މި އެކްޝަން ޕްލޭނަށް މިއަދުން ފެށިގެން އަމަލލުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިނިސްޓަރުގެ ވާހަކައިގައިވަނީ ހެޕަޓައިޓިސް ބީ ނައްތާލުމަށް ހެލްތް ޕްރޮޓަކްޝަން އޭޖެންސީން ޤައުމީ ފެންވަރުގައި ޕްރޮގްރާމެއް ފަށާފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެކަންވެސް ކުރިއަށްދާނީ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ދަށުން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބައްޔާބެހޭ ހޭލުންތެރިކަން ހުންނަންވީ މިންވަރަށް ނެތްކަމަށާ ބައްޔަށް ޓެސްޓްކޮށް ވެކްސިން ދިނުންވެސް މުހިންމުކަމަށެވެ. މިހާރު ހެޕަޓައިޓިސްއަށް ފަރުވާކުރަން ބޭނުންވާ ބޭސް އެސްޓީއޯގެ ހުރިހާ ބޭސް ފިހާރަތަކުން ލިބޭގޮތްވަނީ ހަމަޖެހިފައެވެ.
ޕެރެޑައިސްގައި ބޭއްވި ހަފްލާގައި ބައްޔާއިބެހޭ މަޢުލޫމާތުދިނުމާއި ތަޖުރިބާކާރުންނާއެކު ޕެނަލްޑިސްކަޝަން އެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ހެޕަޓައިޓިސް ދުވަހުގެ ޝިއާރަކީ "އިންވެސްޓް އިން ހެޕަޓައިޓިސް"އެވެ. މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދަނީ ޤައުމީ ފެންވަރުގައި މިބަލި ފެތުރޭގޮތާއި ފެތުރިފައިވާ މިންވަރު ބަލައި ދިރާސާ ކުރަމުންނެވެ.
ހެޕަޓައިޓިސް ބައްޔަކީ ފުރަމޭ ދުޅަވެ، އެ ގުނަވަނުގެ މަސައްކަތްކުރުން ހުއްޓެން ދިމާވާ ގައިންގަޔަށް އަރާ ބައްޔެކެވެ. ހެޕަޓައިޓިސްގެ ފަސް ވައްތަރެއް ވެއެވެ. އެއީ ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ އަދި އީ އެވެ. މިއީ ވައިރަސް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުން ފުރަމޭގެ ޓިޝޫތަކަށް ގެއްލުންވެ ޖެހޭ ބައްޔެކެވެ. ނަޖިހުން ތަޣައްޔަރުވެފައިވާ ފެނާއި ކާނާ ބެނުންކުރުމަކީ މިބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހެޕަޓައިޓިސް ކޮންޓްރޯލްކޮށް ނައްތާލުމަށް ކުރެވިދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައި ހުރުން ހިމެނެއެވެ. އަދި ޢާންމު ސާފުތާހިރުކަން އިތުރުކޮށް، ކާބޯތަކެތި ތައްޔާރުކޮށް، ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ސަމާލުވުން މުހިންމެވެ.