އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްގީކުރުމަށް ޖީއެމްއާރު ކުންފުންޏަށް އެކްސިސް ބޭންކުން ދިން ސަތޭކަ ފަސްދޮޅަސް މިލިޔަން ޑޮލަރު ދިވެހި ސަރުކާރުން ދައްކަން ނުޖެހޭނެކަމަށް އާރބިޓަރޭޝަނުން ނިންމައިފިއެވެ.ޖީއެމްއާރުން ދިވެހި އެރަޕޯރޓް ތަރައްގީކުރުމަށް އެކްސިސް ބޭންކުން ނެގި ސަތޭކަ ފަސްދޮޅަސް މިލިޔަން ޑޮލަރުގެ ލޯނަށް ގެރެންޓީދީފައިވަނީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ.ޖީއެމްއާރާއި ދިވެހި ސަރުކާރާއި ދެމެދު އެކުލަވާލީ އެގްރިމެންޓް ދެހާސް ބާރަވަނައަހަރުގެ ފަހުކޮޅު ދައުލަތުން ބާތިލްކުރުމުން އެކްސިސް ބޭންކުން އެ ފައިސާ ހޯދުމަށް އެއަރޕޯރޓސް ކޮމްޕެނީއަށް ނޯޓީސް ފޮނުވާފައިވެއެވެ. އަދި ނޯޓިސްގެ މުއްދަތު ހަމަވުމުން އެ ބޭންކުން އެ މައްސަލަ ސިންގަޕޫރްގެ އާރބިޓަރޭޝަނަށް ހުށައަޅާފައިވެއެވެ.އެކްސިސް ބޭންކުން ހުށައެޅި މައްސަލަ ނިންމާ އާރބިޓަރޭޝަނުން އިއްވި ހުކުމްގައި ބުނެފައިވަނީ އެ ބޭންކުން ހުށައެޅި އެއްވެސް ދައުވާއެއް ސާބިތުނުވާކަމަށެވެ. އަދި އެ ފައިސާ ދެއްކުމަށް އެއަރޕޯރޓްސް ކޮމްޕެނީ ޒިންމާވާން ނުޖެހޭކަމަށްވެސް އެ ނިންމުމުގައިވެއެވެ.މީގެއިތުރުން އާރބިޓަރޭޝަންގައި ކުރެވުނު ގާނޫނީ މަސައްކަތުގެ ހަރަދުގެ ގޮތުގައި ހިނގި ފައިސާ އެކްސިސް ބޭންކުގެ ފަރާތުން ދިވެހި ސަރުކާރަށާއި އެމްއޭސީއެލްއަށް ދެއްކުމަށްވެސް އަންގާފައިވެއެވެ.