ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުހާނާގެ މެޝިނެއްގައި މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން އަނެއްކާވެސް ހުއްޓިއްޖެ އެވެ.
މި މެޝިނަށް ދިމާވިމައްސަލައާގުޅިގެން ފެންބަންދު ކުރުން ހުއްޓިފައި ހުންނަތާ މިހާރު ދޮޅުމަހެއްހާ ދުވަސް ވެއްޖެކަމަށާއި މިމައްސަލަ ޖެހުނީ ލޭބަލިންގ މެޝިނެއްގައިކަމަށް މަޢުލޫމާތު ލިބެއެވެ.
ބައެއްވިޔަފާރި ވެރިން ބުނީ ކާރުހާނާގެ ހިދުމަތް ދޭން ފެށިފަހުން ފުޅިގައި ފެންބަންދުކުރުން ހުއްޓުނު މިއީ ތިންވަނަ ފަހަރުކަމަށާއި މެޝިނުގައި މައްސަލަ ޖެހުމުން ބައެއް ސައިޒްތަކުގެ ފެން ވިއްކަމުންދަނީ މާލެއިން ސްޓޮކެއް ގެނެސް، އަގުބޮޑުކޮށްކަމަށެވެ.
އައި ބީ އެމްގެ އޮފިޝަލެއް ޕީ އެސް އެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މެޝިނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބޭރުން ގެންނަ އިންޖިނިއަރުން މިއަދު ހަވީރު ކުޅުދުއްފުއްޓަށް އަންނާނެކަމަށާއި ހަފްތާއެއްގެ ތެރޭގައި މައްސަލަ ހައްލުވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކުޅުދުއްފުށީގައި ފެން އުފައްދަން ފެށުމާ ގުޅިގެން މިސަރަހައްދުގައި ތާޒާ ފެން ފުޅީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެފައިވެއެވެ. މިތަނުގައި ހަތަރު ސައިޒެއްގެ ފުޅީގައި ފެން ބަންދުކުރަމުންދެއެވެ.
މިއަހަރު ޖޫންމަހުގެ ފަހު ކޮޅު ފެން އުފައްދައި، ފުޅީގައި ބަންދުކުރަން ފެށި މި ކާރުހާނާގައި ހުރި މެޝިނަކަށް މައްސަލަ ޖެހި ފުޅީގައި ފެން ބަންދު ކުރަން ފެށިފަހުން ދެފަހަރެއްގެ މަތިން މިމަައްކަތް ހުއްޓިފައި ވެއެވެ.