ޚަބަރު

ޕޮލިޓެކްނިކްގައި އިންޖިއަނިރިން ކިޔަވާ ދަރިވަރުންނަށް އިތުރު ދެ ކޯހެއް


މޯލްޑިވްސް ޕޮލިޓެކްނިކްގައި އިންޖިއަނިރިން ކިޔަވާ ދަރިވަރުންނަށް އިތުރު ދެ ކޯހެއް ތަޢާރަފްކޮށްފިއެވެ.

މިހާރު އިންޖިނިއަރިން ކިޔަވަމުންދާ ދަރިވަރުންނަށާއި އަލަށް އިންޖިނިއަރިން ކިޔަވާ ދަރިވަރުންނަށް އަލަށް ހުޅުވާލި ދެ ކޯހަކީ ހެވީ މެޝިން އިންޓަރންޝިޕް ސަރޓިފިކޭޝަން ޕްރޮގްރާމް އާއި އިންޖިން އިންޓަރނޝިޕް ސަރޓިފިކޭޝަން ޕްރޮގްރާމެވެ. މި ދެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ސިނގަޕޫރުގެ ކުންފުންޏެއްކަމަށްވާ ޓްރެކްޓަރސް ސިންގަޕޯ އާއި ގުޅިގެންނެވެ.

ޕޮލިޓެކްނިކްގައި މި ކޯސްތައް ތައާރަފްކޮށް އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ މިއީ މި އިންޑަސްޓްރީގައި މަސަައްކަތްކުރަން ބޭނުންވާ ފަރާތްތަކަަށް ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށެވެ. އެގޮތުން މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކުރާ ދަރިވަރުންނަށް ވަޒީފާ ހޯދަން ފަސޭހަވެ، އިންޑަސްޓްރީއަށް ބޭނުންވާ އަމަލީ ތަޖުރިބާވެސް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ އަޙްމަދު ނާސިރު ވިދާޅުވީ ކޯސް ކުރިއަށްދާނީ އެކަމަށް ބޭނުންވާ އާލާތްތައް ބޭނުންކޮށްގެން ކަމަށާއި ކޯސް ނިމޭއިރު މެޝިންތަކަށް ޖެހޭ މައްސަލަތައް ހައްލުކޮށް އެތަކެތި މަރާމާތުކުރަންވެސް އެނގޭނެކަަމަށެވެ. އަދި މި ކޯސްތައް ފަށަން ނިންމީ އިންޑަސްޓްރީ ތަކާއި ވާހަކަ ދެއްކުމަށްފަހު ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.

15 ހަފްތާއަށް ކުރިއަށްދާ މި ކޯހަކީ އެޑްވާންސް ސަރޓިފިކެޓްގެ ޕްރޮގްރާމެކެެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު އިންޖިއަނިރިން ކިޔަވާކުދިންނަށާއި ޖެނުއަރީގައި ކިޔަވަން ފަށަން ބޭނުންވާ ކުދިންނަށް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު އިންޖިނިއަރިން ކިޔަވަމުންދާކުދިންނަށް އިތުރު ޓެސްޓެއްގައި ބައިވެރިވެގެން ސެޓްފިކެޓް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެެވެ.

މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ކެޓް ބްރޭންޑްގެ ހެވީ މެޝިންތަކާއި އިންޖީނުތައް ބޭނުންކޮށްގެންނެވެ.