ޤަވާއިދާ ހިލާފަށް ޕާކުކުރުމުން މިދިޔަ ހަފްތާގައި ސްޓިކާ ޖެހި އުޅަނދުތަކުގެ އަދަދު އިތުރުވެ އެކްސިޑެންޓްތަކުގެ އަދަދު ދަށަށް ހިނގައްޖެއެވެ.
މާލޭ ސިޓީގެ ޓްރިފިކް މައްސަލަތަކުގެ ހިސާބުތައް ފުލުހުން އަންނަނީ ހަފްތާއަކު އެއްފަހަރު އާއްމުކުރަމުންނެވެ. ފުލުހުން އާއްމުކުރި ޓްރިފިކް މައްސަލަތަކުގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 852 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފައެވެ. އޭގެ ކުރީ ހަފްތާގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްގެން 759 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައެވެ.
މިމަހުގެ 12 އިން ފެށިގެން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި 44 އެކްސިޑެންޓެއް ހިނގައި 16 މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވާކަމަށް ފުލުުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ކުރީ ހަފްތާގައި މާލޭ ސަރަހައްދުގައި 58 އެކްސިޑެންޓް ހިނގާ 11 މީހަކަށްވަނީ އަނިޔާވެފައެވެ.
ޓްރެފިކް ފުލުހުން ބެލި މައްސަލަތަކުގެ ތެރެއިން މިދިޔަ ހަފްތާގައި އެންމެ ގިނައީ ލައިސަންސް ނެތި ދުއްވި މައްސަލަތަކެވެ. މިގޮތުން މިދިޔަ ހަފްތާގައި ލައިސަންސް ނެތް 113 މީހަކު ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުން ލައިސަންސް އަތުގައި ނެތި ދުއްވި 62 މީހެއްގެ މައްސަލަވެސް ފުލުހުން ވަނީ ބަލާފައެވެ.
އިންޝުރަންސާއި ރޯޑް ވާދިނަސް ނެތް 49 މައްސަލަަކާއި ޓްރެފިކް ސައިންތަކާއި ހިލާފުވި 23 މައްސަލައަކާއި ހެޑް ފޯނު އަޅައިގެން ދުއްވި 32 މައްސަލައެއްވެސް މިދިޔަ ހަފްތާގައި ފުލުހުން ބަލާފައިވާކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޤަވައިދާ ހިލާފަށް ދުއްވައިގެން 4 މީހެއްގެ ލައިސަންސް މިދިޔަ ހަފްތާގައިވަނީ ހިފަހައްޓާފައެވެ. އަދި ޤަވައިދާ ހިލާފަށް ޓެކްސީ ކުރި 2 މައްސަލައަކާއި ހެލްމެޓް ނާޅާ ދުއްވި 18 މައްސަލައެއްވެސް މިދިޔަ ހަފްތާގައި ވަނީ ފުލުހުންނަށް ބަލާފައެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރުމުން ފުރަތަމަ ފަހަރަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ 250 ރުފިޔާ އެވެ. ދެވަނަ ފަހަރަށް އެ ކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ތިންވަނަ ފަހަރާއެކު ކުށް ތަކުރާރުކުރާނަމަ ކޮންމެ ފަހަރަކަށް ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެ އެވެ.
މާލޭގައި ޕާކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި ޓްރެފިކް މައްސަލަތައް ބޮޑު ހިސާބުތަކުގައި ޕާކިން އޭރިއާތައް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މިގޮތުން އަމިނީމަގު ފިނޭންސް މިނިސްޓްރީއާއި ޖެހިގެން އޮންނަ ހުސްބިމާއި ދިވެހި ބަހާއި ތާރީހާއި ހިދުމަތްކުރާ ޤައުމީ މަރުކަޒު ކުރިން ހުރި ބިމުގައިވެސް ޕާކިން އޭރިއާއެއް ހަދާ ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި ސޯސަންމަގުގައި ކުރިން ނާސަރީ ހުރި ބިން ހުސްކޮށް އެތަނުގައ ޕާކިން އޭރިއާއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން ސުޕްރީމްކޯޓުގެ ކުރިމަތިން ހެދި ޕާކިން އޭރިއާގައި ކުލި ދައްކައިގެން ޕާކުކުރެވޭނެ އިންތިޒާމުތައް ސިޓީ ކައުންސިލުން ހަމަޖައްސާ އެތަނުގައި ޕާކުކުރުމަށް 40 ފަރާތަކަށް ވަނީ ސިޓީ ކައުންސިލުން ހުއްދަދީފައެވެ.