ވިޔަފާރި

ވަގުތީ ދަތުރުވެރިންގެ މާރުކޭޓް ރޫޅާލަނީ


މަސްމާރުކޭޓް ކުރިމަތީގައި ހަދާފައިވާ ދަތުރުވެރިންގެ މާރުކޭޓް ހޯމަދުވަހުގެރޭ ރޫޅާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޝަރީފް ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައި، ދަތުރުވެރިން އެތަނަށް ބަދަލު ވުމަށް ދީފައިވާ އެންމެ ފަހު ދުވަހަކީ، އަންނަ ހޯމަ ދުވަސް ކަމަށެވެ.މަރާމާތަށްފަހު ދަތުރުވެރިންގެ މާރުކޭޓް އަލުން ހުޅުވާފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭގައެވެ.ޕީއެސްއެމް އާ ވާހަކަ ދައްކަވަމުން ހައުސިން މިނސްޓްރީގެ އެގްޒެކެޓިވް ކޯރޑިނޭޓަރ އަބްދުﷲ ޝަރީފް ވިދާޅުވީ، ދަތުރުވެރިންގެ އާ މާރުކޭޓުން ގޮޅިތައް ލިބޭ ފަރާތްތަކާއެކު އެގްރިމެންޓް ހަދާ ނިމުމަކަށް އައިސްފައިވާ ކަމަށާއި، ދަތުރުވެރިން އެ ތަކނަށް ބަދަލުވުމަސް ހޯމަ ދުވަހާ ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ.ވަގުތީ މާރުކޭޓާއި، އަލަށް ހެދި މާރުކޭޓާ ދެތަން ބެލެ ހެއްޓުމަކީ ސަރުކާރަށްވެސް ފަސޭހަ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.ޝަރީފް ވިދާޅުވީ، އަލަށް ހުޅުވި ދަތުރުވެރިންގެ މާރުކޭޓްގައި، ދަތުރުވެރިންނަށް ޚާއްސަކޯށް 18 ގޮޅިއެއް ހިލޭ ދޫކުރާނެ ކަމަށާއި، އެ ގޮޅިތަކަކީ 7 ދުވަހުން 7 ދުވަހުން ރޮޓޭޓްވާ ގޮޅިތަކެއް ކަމަށެވެ.ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް ދޫކުރުމުގައި  ކުރިން ސިޓީ ކައުސިލައެކު ހަދާފައިވާ އެގްރިމެންޓްގެ މުއްދަތު ހަމަނުވާނަމަ އެ ފަރާތްތަކަށްވެސް ގޮޅި ދީ، އެގްރިމެންޓް އާކޮށްފައިވާ ކަން ޝަރީފްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.ދަތުރުވެރިންގެ އާ މާރުކޭޓުގައި ހުރި 162 ގޮޅިއަށް އެދި އެދި ދެހާސް ފަސްސަތޭކަ އާއި ތިންހާހާ ދެމެދުގެ އަދަދަކަށް ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.