ދީން

މުސްލިމުންގެ ހާލަތާއި މެދު މިއަދު ވިސްނާލަން ޖެހޭ


މުސްލިމުން އެކަކު އަނެކަކަށް ބައިބައިވެ، ވަކިވެ ނުގަތުމަށް މާތް ﷲ އަންގަވާފައިވާ ކަމަށާއި އެހެންނަމަވެސް މިއަދު މުސްލިމުންގެ ހާލަތާއި މެދު ވިސްނާލަން ޖެހޭ ކަމަށް އިސްލާމިކު މިނިސްޓަރގެ ނާއިބު އައްޝެއިހު އިބުރާހިމް އަހުމަދު ވިދާޅުވެއްޖެއެވެ.ރަމަޟާން މަހުގެ ރޭތަށް އިހުޔާ ކުރުމަށް ހިންގާ ސިންސިލާ ޕްރޮގްރާމު ފެށުމުގެ ގޮތުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ފުރަތަމަ ޕުރޮގުރާމުގައި ވާހަކަދައްކަވަމުން ޝެއިހު އިބުރާހިމް ވިދާޅުވީ އިސްލާމީ ރިވެތި އާދަތައް މުސްލިމުންގެ ކިބައިން މިއަދު ނެތެމުންދާކަމަށާއި ހާއްސަކޮށް މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ހިތް ހެޔޮކަން މިއަދު ނުފެންނަކަމުގައެވެ.މިފަދަ ކަންކަމަކީ މީގެ ކުރިން ދިވެހިންގެ މެދުގައި ނުހަނު އިސްކަމެއް ދީގެން ކުރެވެމުން އައި ކަންތައްތަކަށްވީރު މިއަދު އިސްލާމީ މިފަދަ ރިވެތި އާދަތައް ދަމަހައްޓަން ޖެހޭކަމުގައި އައްޝެއިހު އިބުރާހިމް އަހުމަދު ވިދާޅުވިއެވެ. އަދި ދުނިޔޭގައި މީހުން އުޅެމުން ދަނީ މާއްދީ ބާރު އިތުރު ކުރަން ކަމަށާއި އެހެންނަމަވެސް މީސްތަކުންގެ ތެރޭގައި ރޫހާނީ ބާރު އިތުރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. މީސްތަކުންގެ ހިތްތަކުގައި ރޫހާނީ ބާރު އިތުރު ކުރުމަށް ﷲ ތައާލާ އެދިވަޑައިގަންނަވާ ކަމަށާ ރޫހާނީ ބާރު އިންސާނެއްގެ ކިބައިގައި އިތުރުވެއްޖެ ނަމަ އިންސާނާގެ ހިތަކީ ފިނި އެއްޗެއް ކަމުގައި ވެގެންދާނެ ކަމަށް އިބުރާހިމް އަހުމަދު ވިދާޅުވިއެވެ.އަޅުގަނޑުމެންނަށް ﷲ އަންގަވަނީ ކެތްތެރިވާންކަމަށްވެސް އިސްލާމިކު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ. ރަމަޟާން މަހަކީ ކެތްތެރި ކަމުގެ މަސްކަން ފާހަގަކުރައްވަމުން ކެތްތެރިންނަކީ ﷲ ސުބުހާނަހޫ ވަތައާލާ އެބަޔަކާ އެކީ ވޮޑިގަންނަވާ މީހުންކަމުގައި  ޝެއިހުގެ ވާހަކަފުޅުފައި ވިދާޅުވިއެވެ.