އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާމެދު ފިޔަވަޅު އަޅާފަދައިން މީހުންނަށް ބިރުދައްކާ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވައިފިއެވެ.
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ދީނަށް ފުރައްސާރަކޮށްފައިވާ މައްސަލަ ހޫނުވެފައިވަނިކޮށް އަދި ޓެރަރިޒަމް މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވަނިކޮށް ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް އަދި އިސްލާމްދީނާ ދެކޮޅު ވާހަކަ ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާކަމަށާއި، ހަމައެފަދައިން އިންޒާރުދޭ މީހުންނާމެދުވެސް ފިޔަވަޅު އަޅަމުންދާނެކަމަށެވެ.
މިފަދަ މައްސަލަތައް ވަރަށް ގާތުން ބަލަމުން އަންނަކަން ފާހަގަކުރައްވައި ޙަމީދު ވަނީ އެފަދަ ވިސްނުން ގެންގުޅޭ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ސީޕީ ޙަމީދު މިހެން ވިދާޅުވެފައިވާއިރު އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ޙަމީދު ކުރިންވަނީ ވިދާޅުވެފައެވެ.
މީހުންނަށް އިންޒާރުދީ ބިރުދައްކާ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒރު ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާފައި މިވަނީ ޓެރަރިޒަމް މަނަކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ރޭތަސްދީޤްކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ބުނާގޮތުން މީހެއްގެ ހަށިގަނޑަށް އަނިޔާއެއް ދިނުމާއި، މުދަލަށް ގެއްލުން ދިނުމާއި އިންޒަރުދިނުމަކީވެސް ޓެރަރިޒަމްގެ ޢަމަލެއްކަމަށް ބެލެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.