މިދިޔަ މަހުގެ 30 ވަނަދުވަހު ލޯންޗެއްގައި ރޯވެ ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލައިފިއެވެ.
އައިޖީއެމްއެޗުން ބުނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލީ އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ 60 އިންސައްތަ ފިހި އައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ މީހާކަމަށެވެ. އަދި މިމީހާ އިއްޔެގެ ވަގުތެއްގައި ފުރުވާލީ ހޮސްޕިޓަލުން އެދިގެންކަމަށާއި އެހެންނަމަވެސް އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މީގެއިތުރުން މި ޙާދިސާގައި ފިހި ފަރުވާ ހޯދަމުން އަންނަ އިތުރު ދެމީހަކުންވެސް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެމީހުންގެ ހާލުވެސް ރަގަޅުކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މި ދެމީހުން ރާއްޖެއިން ބޭރަށް ފޮނުވާލަނީ އަމިއްލައަށް އެދިގެންކަމަށާއި މި އެންމެންވެސް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަނީ އާސަންދައިގެ އެހީގެ ދަށުންކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
ޓީ ޖެޓީގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ލޯންޗްގައި ތިބި ހަތަރު ދިވެއްސަކު ފިހި މީގެ ތެރެއިން 2 މީހަކުގެ ހަށިގަނޑު 50 އިންސައްތަ ވަނީ ފިހިފައެވެ. އަދި ލޯންޗު ކައިރީގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ތިބި 2 ބިދޭސީއަކަށް އެކިވަރުގެ އަނިޔާ ލިބި ފަރުވާ ހޯދާފައިވެއެވެ. މީގެއިތުރުން އެ ސަރަހައްދުގައި އޮތް ތެޔޮ ބޯޓެއްގައި ހުރި މީހަކުވެސް ފިހިފައިވެއެވެ.
މިދިޔަ މަހުގެ 30 ވަނަދުވަހުގެ ހަވީރު ޓީ ޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައިވަނީ އެ ހާދިސާގައި އަނދައިގެން ދިޔަ ލޯންޗުގައެވެ. އަލިފާނުގެ ހާދިސާގައި ރޯވެ އަނދާފައިވަނީ އއ.އަތޮޅުގެ ރަށްތަކަށް ދަތުރުކުރަމުންދާ ފެރީ "ނެވި 3" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. މިލޯންޗަކީ 60 މީހުންގެ ޖާގައިގެ އުޅަނދެކެވެ.
އަލިފާނުގެ ހާދިސާގައި 10 ތެޔޮ ބައުޒަރަށް އެކިވަރުގެ ގެއްލުންވެ އޭގެތެރެއިން 4 ތެޔޮ ބައުޒަރެއް ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވެއެވެ.