ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނ.މަނަދޫގައި އިމާރާތް ކުރަން ފެށި 25 ހައުސިންގ ޔުނިޓުގެ ތެރެއިން ބައެއް ހައުސިންގ ޔުނިޓުތަކަށް މީހުން ބަދަލުވެފައިވާ އިރު 10 ހައުސިންގ ޔުނިޓެއްގެ މަސައްކަތް އަދިވެސް ނުނިމޭ ކަމުގައި މަނަދޫ ކައުންސިލުން ބުނެފިއެވެ.2009 ވަނަ އަހަރު މަނަދޫގައި އިމާރާތް ކުރަންފެށި މި ހައުސިންގ ޔުނިޓުތަކުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 15 ހައުސިންގ ޔުނިޓު ކަމަށާއި ނުނިމި ހުރި 10 ހައުސިންގ ޔުނިޓުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއުލާނު ކުރެވޭނީ މިއަންނަ އަހަރު ކަމަށް ހައުސިންގ މިނިސްޓްރީ އިން އަންގަވާފައިވާކަމަށް ނ.މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ޞަބީހް ވިދާޅުވިއެވެ. އަދި މިމަޝްރޫއުގެ ދަށުން އިމަރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތައް ހޮވުމަށް ގުރުއަތުލުން މިހާރު ބޭއްވިފައިވާ ކަމަށާއި ގުރުއަތުލާފައިވަނީ ނުނިމި ހުރި ހައުސިންގ ޔުނިޓުތައްވެސް ހިމެނޭގޮތަށް ކަމަށެވެ.މީގެ އިތުރުން، މީގެތެރެއިން މަސައްކަތް ނިމިފައިވާ 15 ހައުސިންގ ޔުނިޓުގެ ތެރެއިން 1 ޔުނިޓު ފިޔަވާ ހުރިހާ ޔުނިޓެއް މިހާރު އެ ޔުނިޓުތަކުގެ ވެރިފަރާތްތަކާއި ހަވާލުކުރެވިފައިވާ ކަމަށްވެސް ސަބާހު ވިދާޅުވިއެވެ. އަދި އިދާރީ ބައެއް މަސައްކަތްތައް ނުނިމޭތީ ހަވާލު ނުކުރެވިވާ ހައުސިންގ ޔުނިޓުވެސް ވަރަށް އަވަހަށް އޭގެ ވެރިފަރާތާ ހަވާލުކުރެވިގެންދާނޭ ކަމަށްވެސް ސަބީހް ވިދާޅުވިއެވެ.20 އަހަރު ދުވަހުން ފައިސާ ދައްކާ ޚަލާސްކުރުމުން މިލްކުވާގޮތަށް ދޫކުރާ 25 މިހައުސިންގ ޔުނިޓު ތެރެއިން 17 ހައުސިންގ ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވަނީ މަނަދޫ ފިޔަވާ އެހެން ރަށްރަށުގެ ރައްޔިތުންނަށެވެ. އަދި މަނަދޫ ރަށްވެހިންނަށް 8 ހައުސިންގ ޔުނިޓު ހާއްސަ ކުރެވިފައިވާ އިރު މި ހައުސިންގ ޔުނިޓުތަކުގެ ޑައުން ޕޭމަންޓުގެ ގޮތުގައި -/19000 (ނަވާރަ ހާސް) ރުފިޔާ ދައްކަންޖެހެއެވެ. އަދި މަހަކު -/2500 ރުފިޔާ ކުލީގެ ގޮތުގައި ދައްކަންޖެހެއެވެ.އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން މަނަދޫގައި އިމާރާތް ކުރަން ފެށި މި 25 ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ނިމިފައިވާ ބައެއް ޔުނިޓުތަކަށް އެރަށުގެ ބައެއް ފަރާތްތަކުން ބަދަލުވެފައިވާ އިރު، ނުނިމި ހުރި ޔުނިޓުތަކުގެ މަސައްކަތް ބަޔަކާ ހަވާލުކުރުން ލަސްވަނީ މިއަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހިމެނިފައިނުވާތީ ކަމަށް ހައުސިންގ މިނިސްޓްރީން އަންގާފައިވާ ކަމަށް މަނަދޫ ކައުންސިލުން ބުނެއެވެ.2009 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ ވަކި ހިސާބަކުން ދިމާވީ ބައެއް މައްސަލަތަކާއި ގުޅިގެން ސަރުކާރުން ވަނީ ހައުސިންގ ޔުނިޓުތައް އިމާރާތް ކުރުމަށް ހަވާލުކުރި ކޮންޓްރެކްޓަރުންގެ އެއްބަސްވުން އުވާލާ އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ އަތުން މަސައްކަތް ނަގާފައެވެ.