ޚަބަރު

ކެމިކަލް ރައްކާކުރުމަށް ތިލަފުށިން ގުދަން ބޭނުންވެގެން މިހާތަނަށް 57 ކުންފުންޏަކުން ވަނީ އެދިފައި


ކެމިކަލް ރައްކާކުރަން ތިލަފުށިން ދޫކުރަން ހަމަޖެހިފައިވާ ގުދަންތަކުގެ ތެރެއިން ގުދަން ބޭނުންވެގެން މިހާތަނަށް 57 ފަރާތަކުން އެދިފައިވާކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

މިދިޔަމަހުގެ 20ވަަނަ ދުވަހު މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ކެމިކަލް ރައްކާކުރާ ގުދަނެއްގައި ހުރި ތަކެތީގައި ރޯވެގެންނެވެ. މި ޙާދިސާއަށްފަހު ސަރުކާރުންވަނީ މިފަދަ ގުދަންތައް ޢާއްމު ރައްޔިތުން ދިރިނޫޅޭ ސަރަަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން އެމްއެންޑީއެފުން މިހާތަނަށް ބެލި ބެލުމުން މާލޭގައި މިފަދަ 126 ގުދަނެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ. އަދި މީގެތެރެއިން 83 ގުދަން ހުރީ އާމުން ދިރިއުޅޭ ސަރަޙައްދުތަކުގައެވެ.

ކެމިކަލް ގުދަންތަން ޢާއްމުން ދިރިއުޅޭ ގެތަކާއި ދުރަށް ގެންދިއުމަށް، އިންޑަސްޓްރިއަލް މަސައްކަތްކުރާ ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ވަނީ ފަށްޓަވާފައެވެ.

އެގޮތުން ކެމިކަލް ރައްކާކުރުމަށާއި، އެހެނިހެން މުދާ ރައްކާކުރުމަށް ތިލަފުށިން ގުދަން ޕްލޮޓް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީވުމަށް މިހާރުވަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑު ފުރުސަތު ހުޅުވާލާފައެވެ. އެ ކުންފުނިން ބުނެފައިވަނީ ގުދަން ބޭނުންވެގެން މިހާތަނަށް 57 ފަރާތަކުން ރެޖިސްޓަރކޮށްފައިވާކަމަށެވެ.

އެކުންފުނިންވަނީ ގުދަން ކުރުމަށް 200އެއްހައި ޕްލޮޓް ދޫކުރުމަށް ނިންމާފައެވެ. ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފައިވަނީ ގުދަންތައް ދޫކުރަމުންދަނީ، އެންމެ ނުރައްކާތެރި ކެމިކަލް ގެގްގުޅޭ ފަރާތްތަކަށް އިސްކަންދީގެންކަމަށެވެ. ގުދަން ބޭނުންވާ ފަރަތްތަކަށް ވަކި މުއްދަތެއް ނެތި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ ކުންފުނިން މިހާރު ގެންދަނީ ތިލަފުށީގައި ގުދަންތައް ހަދައިދޭނެ ކުންފުންޏެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގުދަން ޢިމާރާތްކޮށްދިނުމަށް 18 ފަރާތަކުން ރަޖިސްޓަރކުރި ނަމަވެސް، ބިޑް ހުށައަޅާފައިވަނީ 6 ކުންފުންޏަކުންނެވެ. މިހާރު ކުރަމުންދަނީ މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ކަނޑައެޅުމުގެ މަސައްކަތެވެ.

މި މަސައްކަތް ކުންފުންޏަކާ ޙަވާލުކުރަނީ 25އާއި 35 ދުވަހާއި ދެމެދުގެ މުއްދަތުގައި ނިންމައި ހަވާލުކުރާ ގޮތަށެވެ. ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯމް ލިމިޓެޑުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެމަސްދުވަހުގެތެރޭގައި ގުދަންތައް ދޫކުރަން ފަށާނެކަމަށެވެ.

ސަރުކާރުންވަނީ ކެމިކަލް ގުދަން ކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކެއްވެސް ކަނޑައަޅާފައެވެ. ތިލަފުށީގައި އަލަށް ހަދާ މި ގުދަންތައް ހަދަނީ މި މިންގަނޑަށް ފެތޭ ގޮތަށެވެ. އެގޮތުން މި ތަންތާންގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމުވެސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.