ޚަބަރު

ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމަށް އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫޢު އަންނަ މަހު ފަށަނީ


މާލޭ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމަށް އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާނެކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސަފީރު ވިދާޅުވީ، މި މަޝްރޫޢު ފެށުމަށް ތައްޔާރުކުރަންޖެހޭ ޑީޓެއިލްޑް ޕްރޮގްރާމާއި ފުރަތަމަ ރިޕޯޓްވެސް މިހާރު ތައްޔާރުކޮށް ނިމިފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން، އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތަޤްރީރުގައި މާލޭގެ ހުކުރު މިސްކިތް ހިމާޔަތް ކުރުމަށް އިންޑިއާއިން ފުރިހަމަ އެއްބާރުލުން ދޭނެކަން ހާމަކުރެއްވުމަކީ، އިންޑިއާއިން ރާއްޖޭގެ ސަޤާފަތާއި ތަރިކައަށް ދޭ އަހަންމިއްޔަތު ހާމަވާކަމެއްކަމަށް ސަފީރު ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމަށް އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވަނީ، މި މަޝްރޫޢުގެ ޕްރީ ޕްލޭންތައް ހެދުމަށް އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޓީމެއް އައިސް މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މި ޓީމަކީ އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ގިނަ ތަރިކައިގެ ސައިޓްތައް ހިމާޔަތްކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ޓީމެއްކަން ފާހަގަކުރައްވާ ސަފީރު ވަނީ، މި މަޝްރޫޢު ފެށުމަށް ތައްޔާރުކުރަންޖެހޭ ޑީޓެއިލްޑް ޕްރޮގްރާމާއި ފުރަތަމަ ރިޕޯޓް ތައްޔާރުކޮށް ނިމިފައިވާކަމަށް ވިދާޅުވެފައެވެ. މި ޓީމުން ރާއްޖެއައިސް މި މަރާމާތުގައި ބޭނުންކުރާ ލަކުޑިއަށާއި ހިރިގަލަށް ފަރުވާދިނުމަށް ބޭނުންވާ ކެމިކަލް ރާއްޖެއަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއެކުވެސް ވަނީ މަޝްވަރާކުރާކޮށްފައެވެ.

"އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ 5 މީހުންގެ ޓީމެއް 15 ދުވަހަށް ރާއްޖެ އައިސް ވަނީ މި މަޝްރޫޢު ފެށުމަށް ތައްޔާރުކުރަންޖެހޭ ޑީޓެއިލްޑް ޕްރޮގްރާމާއި ފުރަތަމަ ރިޕޯޓް ތައްޔާރުކޮށްފައި. މި ސަރވޭ ޓީމަކީ ކެމްބޯޑިއާގައިވެސް ކާމިޔާބުކަމާއިއެކު މުހިންމު ތަރިކަތަކެއް ހިމާޔަތްކޮށްފައިވާ ޓީމެއް." ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އިންޑިއާގެ ސަފީރު ވިދާޅުވީ މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމަށް އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާނެކަމަށެވެ. ދެ އަހަރުދުވަހުގެ މި މަޝްރޫޢުގައި ހުކުރު މިސްކުތުގެ މަތިވަޑާގަނޑުގެ އާބާތުރަ ފިލުވުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

"މާލޭ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމަށް އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހު ފަށަން ނިންމާފައި މިވަނީ. މި މަސައްކަތް 2 އަހަރަށް ދެމިގެންދާނެ" ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

މިއީ އިންޑިއާއިން ހުކުރުމިސްކިތުގެ މަރާމާތުކުރުމަށްޓަކައި އެހީވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 1986 ވަނަ އަހަރާއި 1987 ވަނަ އަހަރާ ދެމެދުވެސް އިންޑިއާއިން އެ މިސްކިތުގެ އާބާތުރަފިލުވާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަކަށް މީލާދީން 1656 ގައި ބިނާކުރެވުނު މި މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ބިނާއެކެވެ.

ރާއްޖޭގައި ހިރިގަލުން އިމާރާތްކޮށްފައިވާ މަދު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެތަނަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ޔުނެސްކޯއާއި އިންޑިއާ ސަރުކާރާއި ގުޅިގެން ދަނީ ކުރަމުންނެވެ.