ޚަބަރު

ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން، އެމްޓީޑީ ދޫކޮށް ޖުމްހޫރީ ޕާޓީއަށް


ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން، މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް އެމްޓީޑީ ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

އެމްޓީޑީގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވިކުރީގެ މެންބަރު ޔާމީން ޖޭޕީއާ ގުޅިވަޑައިގެންކަމުގެ ފޯމާއި ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ. ޔާމީންގެ އިތުރުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކުރީގެމެންބަރު އިސްމާއިލް ސޮފްވާން އާއި އިތުރު ބައެއް ފަރާތްތަކުންވެސް ވެސްވަނީ ޖޭޕީއާ ގުޅިފައެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަންވާއިރަށް، ޖުމްހޫރީ ޕާޓޫ ވަރުގަދަކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި އާއި އިދާރީ ދާއިރާއެއްގައި ޕާޓީގެ ގޮތްޕެއް އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އެޕާޓީގެ މެންބަރުން އެކަމުގައި އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.

އެގޮތުން އަންނަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އިންތިޚާބެއް ބާއްވައި ޖޭޕީގެ ގޮފިތަކަށް މީހުން އިންތިޚާބު ކުރުން އޮންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވާހަކަފުޅުގައި މިހާރުގެ ޓްރާންސް ޕޯޓް މިނިސްޓަރު އަދި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ނަޙްލާ އެކަމަނާގެ ވުޒާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަތައް ބަޔަކު ލީކުކޮށްލާފައިވާތީ އޭއީ އެކަމަނާއި ދެކޮޅަށް ބަޔަކު ހިންގި ނޭދެވޭ އަމަލެއްނަމަވެސް އެކަމުގެ ސަބަބުން އެކަމަނާއަށް ލިބުނީ އިތުރު ހިތްވަރެއްކަން ފާހަގަކުރައްވާފައެވެ.

ޤާސިމްވަނީ ސިވިލް ސަރވިސް މުވައްޒަފުންވެސް މަސައްކަތްކުރަންވާނީ އުސޫލުތަކާއި އެއްގޮތައްކަން ފާހަގަކުރައްވައި މިނިސްޓަރ ނަހުލާގެ ދިފާއުގައި ވާހަކަފުޅުދައްކަވާފައެވެ.