މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް މާލޭގައި ހަދާ ސަބް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުއަކީ އެއް ރަށުގައި އުފައްދާ ކަރަންޓު އަނެއް ރަށުގައި ބޭނުންކުރެވޭގޮތަށް ކޭބަލެއް މެދުވެރިކޮށް ކަރަންޓު ވިއުގަ ގުޅާލުމަށް ހިންގާ މަޝްރޫއެކެވެ.
ސްޓެލްކޯއިން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ފިފްތް ޕަވަރ ޕްރޮޖެކްޓަށްފަހު، މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް މިހާރު އެ ކުންފުނިން ކުރަމުން އަންނަ އެންމެބޮޑު މަސައްކަތަކީ މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތެވެ. މާލެ އަދި ހުޅުމާލޭގެ އާބާދީ އަވަސް ބާރުމިނެއްގައި އިތުރުވަމުން އަންނައިރު، ދެމެހެއްޓެނިވި ހަކަތައިގެ ވިއުގައެއް ޤާއިމުވެފައި އޮތުމަކީ ސްޓެލްކޯއިން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ.
މާލެއާއި ހުޅުލެއާއި ހުޅުމާލެ އިންޓަރކަނެކްޝަން ޕްރޮޖެކްޓްގެދަށުން، އެއް ރަށުގައި އުފައްދާ ކަރަންޓު، ކޭބަލެއް މެދުވެރިކޮށް އަނެއް ރަށަށް ގެނެސް ގުޅާލާނީ ޓްރާންސްފޯމަރުތަކެއް މެދުވެރިކޮށެވެ. އެގޮތުން މާލޭގައި ހަދާ ޓްރާންސްފޯމަރ ސަބްސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް މިއަދުވަނީ ފަށާފައެވެ. މި ސަބްސްޓޭޝަން ހަދަނީ ސްޓެލްކޯ ގޯތިތެރޭގައެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޢްނީ ވިދާޅުވީ ހުޅުމާލޭގައި ޓްރާންސްފޯމަރު ބެހެއްޓުމަށް ހަދާ ސަބް ސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތްތައް ނިންމައި، މާލޭ ސަބް ސްޓޭޝަންގެ މަސައްކަތް މިހާރު މިފެށީކަމަށެވެ.
"މާލޭ ޓްރާންސްފޯމަރުތައް ބަހައްޓާ ބިމުގެ ކޮންކްރީޓް މަސައްކަތްތައް މި ފެށީ. 2 ޓްރާންސްފޯމަރު ބަހައްޓާނެ. އެހެންވީމާއި މި ދެމެދު 100 މެގަވޮޓްގެ ކަރަންޓު ކެރީ ކުރާނެ." މުޢުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ ސްޓްލްކޯއިން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ހޫނުގަދަވާ ދުވަސްވަރުގެ ކުރިން މިމަޝްރޫޢުގެ މަސައްކަތް ނިންމައި 3 ރަށުގެ ހަކަތަ އެއް ވިއުގައަކުން ގުޅާލުމަށްކަމަށެވެ.
މި މަޝްރުޢޫގެ މަސައްކަތް ނިމުމުން މާލެއިން ކަރަންޓު ކެނޑޭ ޙާލަތެއް ދިމާވެއްޖެނަމަ، ހުޅުމާލޭ އިންޖީނުގެއިން އުފައްދާ ކަރަންޓޫ ބޭނުންކޮށްގެން ވަގުތުން މާލެއަށް ކަރަންޓު ދެވޭނެއެވެ. އަދި ހުޅުމާލެ ނުވަތަ ހުޅުމާލެއަށް ކަރަންޓުގެ މައްސަލަ ދިމާވެއްޖެނަމަ މާލެއިން ކަރަންޓު ނެގޭނެއެވެ. މި ކޭބަލް މާލެއާ ގުޅާލަނީ ބްރިޖް މެދުވެރިކޮށެވެ.
"މި ޕްރޮޖެކްޓާއިއެކު މާލެ ސަރަޙައްދުގެ ކަރަންޓުގެ މައްސަލަ ސެކިއޯވާނެ. މާލޭ ހުޅުލެ ހުޅުމާލޭގެ ކަރަންޓު މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެ." މުޢްނީ ވދިާޅުވިއެވެ.
މާލެއާއި ހުޅުލެއާއި ހުޅުމާލެ އިންޓަރކަނެޝަންގެ މަޝްރޫޢުގެ ދަށުން 3 ސަބްސްޓޭޝަން ހަދާނެއެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.