ދީން

ޤުރްއާނަކީ އެންމެ މަތިވެރި ދުސްތޫރެއްގެ ގޮތުގައި ބަލަންޖެހޭ


އާންމު ފަރުދުންގެ މަސްލަހަތާއި، ޤައުމުގެ މަސްލަހަތު ދެމެހެއްޓޭނީ، ކީރިތި ޤުރްއާން އެންމެ މަތިވެރި ދުސްތޫރެއްގެ ގޮތުގައި ބަލައިގެންކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު، އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ ތިރީސް ވަނަ ޤައުމީ މުބާރާތުގެ އިނާމް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޙާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.އެމަނިކްފާނު ވިދާޅުވީ، އާބާދީގެ ގޮތުން ކުޑަނަމަވެސް ރާއްޖެ މިހާރު މިސްރާބު ޖަހާފައި މިވަނީ ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުންތަކުން ހޯދަމުންދާ ކާމިޔާބީތަކާއި ދިމާލަށްކަމަށާއި، މިއީ ދިވެހިން ފަޙުރުވެރިވާން ޖެހޭ ކަމެއްކަމަށެވެ.ރީތިކޮށް މަޚްރަޖަށް ޤުރްއާން ކިޔެވުމަކީ ތިމާގެ އަޙްލާޤަށް ހެޔޮ ބަދަލުތަކެއް ގެނުވާ، އެކަމުގެ މަންފާ މުޅި މުޖުތަމައުއަށް ކުރާނެކަމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މުޖުތަމައެއްގެ މަސްލަހަތާއި، ރައްޔިތުންގެ ރައްކާތެރިކަން ގުޅިފައިވަނީ އެބަޔެއްގެ ދީނާއި ސަޤާފަތާއި ކަމަށެވެ. އަދި ޤައުމުގައި ހަމަޖެހުން ޤައިމުކުރަން ބޭނުންނަމަ، ކީރިތި ޤުރްއާން އެއީ އެބަޔެއްގެ އެންމެ މަތިވެރި ދުސްތޫރުކަމުގައި ހަދަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވި، ޤައުމަށް އަންނަމުންދާ ބަދަލުތަކާއިއެކު، ކީރިތި ޤުރްއާނުގެ އިލްމު ފުޅާކުރުމަށް މިހާރަށް ވުރެ އިތުރަށް މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ. އަދި ސްކޫލު ދުވަސްވަރު ޤުރްއާން ކިޔެވުމުގެ ރޮނގުން ރަންވަނަ ތަކެއް ޙާސިލުކުރާ ގިނަ ދަރިވަރުން، ސްކޫލު ނިންމުމަށްފަހު، މުޖުތަމައު ތެރޭ، އެދާއިރާން ނުފެންނަ ކަމުގެ ސުވާލު ބައެއް ފަރާތްތަކުން ކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ.  ހަރުދަނާ ޖީލެއް ބިނާކުރުމަށް ކީރިތި ޤުރްއާން އަސްލަކަށް ބެލުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވެވިއެވެ.މިއަހަރުގެ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބަލައިގެންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން ޖުމްލަ ހަތް ސަތޭކަ ނުވަދިހަ އަށް ފަރާތަކުން ވަނީ ބައިވެރިވެފައެވެ.މި މުބާރާތަކީ ނަވާރަ ސަތޭކަ ހަތްދިހަ އަށްވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.