އަންވަރު އިބްރާހީމްގެ ބޮޑުވަޒީރުކަމަކީ މެލޭޝިއާގެ ސިޔާސީ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ ވެރިކަމެކެވެ. މިއީ، މުއައްސަސާތައް އިސްލާހުކުރުމަށް، ނުވަތަ 'ރިފޯމެސީ' އަށް އޭނާ ފަސް ދަހަރު ވަންދެން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ. 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު މެލޭޝިއާގެ ދިހަވަނަ ބޮޑުވަޒީރު ކަމުގެ މަޤާމާ އޭނާ ހަވާލުވެވަޑައިގަތުމަކީ ހަމައެކަނި ސަރުކާރު ބަދަލުވުމެއް ނޫނެވެ. އެއީ، ދަރިވަރުންގެ ހަރަކާތްތަކާއި ސަރުކާރުގެ އިސް މަޤާމުތަކުގެ ތަޖުރިބާގެ ތެރެއިން އުފެދިގެން އައި ވަރަށް ފުރިހަމަ ލީޑަރޝިޕެއްގެ ފެށުން ކަމުގައި މަސްރަޙު ދިރާސާކުރައްވާ ދާރިސުން ދެކެވަޑައިގަންނަވައެވެ.
އަންވަރުގެ ފިކުރީ ބިންގާ އެޅިގެންދިޔައީ މެލޭ ކޮލެޖް ކުއަލަ ކަންގްސާރްއާއި (އެމްސީކޭކޭ) ޔުނިވަރސިޓީ އޮފް މެލާޔާއިންނެވެ. އެ ތަނުގައި އޭނާ ފާހަގަކުރެވިގެން ދިޔައީ ދަރިވަރުންގެ ހަރަކާތްތައް އިންތިޒާމުކުރައްވައި ހިންގެވުމުގެ ވަރުގަދަ ބާރެއްގެ ގޮތުގައެވެ. 1971 ވަނަ އަހަރު އޭނާ ވަނީ، ޔަޔާސަން އަންޑާ އެކެޑެމިކްގެ (ވައިއޭއޭ) ނަމުގައި ތަޢުލީމުދޭ މަރުކަޒެއް އުފައްދަވާފައެވެ. އަދި، އޭގެ ފަހުން 1972 ވަނަ އަހަރު ނޭޝަނަލް ޔޫނިއަން އޮފް މެލޭޝިއަން އިސްލާމިކް ސްޓޫޑެންޓްސް (ޕީކޭޕީއައިއެމް) އަދި މެލޭޝިއަން އިސްލާމިކް ޔޫތު މޫވްމަންޓް (އޭބީއައިއެމް) އުފެއްދެވުމުގައި އޭނާ އިސްދައުރެއް އަދާކުރެއްވިއެވެ. މިއާއެކު، ޤައުމީ ބަދަލުގެ މުހިންމު ބައިވެރިންގެ ގޮތުގައި ޒުވާން ޖީލު ކަނޑައެޅިގެންދިޔައެވެ.
1980 ގެ އަހަރުތަކާއި 1990 ގެ އަހަރުތަކުގައި ސަރުކާރުގެ ތެރެއިން އޭނާ ހޯއްދަވަމުން ގެންދެވި ހަލުވި ކުރިއެރުމުގައި މުހިންމު ވުޒާރާތަކެއް ހިންގެވިއެވެ. އޭގެ ތެރޭގައި ސަޤާފަތާއި، ޒުވާނުންނާއި ކުޅިވަރާއި، ދަނޑުވެރިކަމާއި، ތަޢުލީމާއި އަދި މާލީ ދާއިރާ ހިމެނެއެވެ. އޭގެ ފަހުން 1993 ވަނަ އަހަރު ބޮޑުވަޒީރުގެ ނައިބު ކަމުގެ މަޤާމަށް އޭނާ ޢައްޔަންކުރެވުނެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، އޭނާގެ މަޤުބޫލުކަން ޤައުމުން ބޭރަށްވެސް ފެތުރިގެން ގޮސްފައިވާ ކަމެވެ. ޔުނެސްކޯ ޖެނެރަލް ކޮންފަރެންސްގެ ރައީސް ކަން (1988-1991) ކުރެއްވުމާއި، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ (އައިއައިއައިޓީ) ބާނީ އަދި ޗެއާމަން އެމެރިޓަސްގެ ހައިސިއްޔަތުން އަދާކުރެއްވި ދައުރުން، ބައިނަލްއަޤުވާމީ މައިދާނުގައި އޭނާއަކީ ދުރުވިސްނޭ އިސްވާރެއް ކަން ސާބިތުކޮށްދެއެވެ.
އިދިކޮޅު ލީޑަރުގެ ގޮތުގައި ދެ ދައުރެއް (2008-2015 އަދި 2020-2022) ހޭދަކުރެއްވި ނަމަވެސް، އޭނާގެ ސާބިތުކަމަށް ބަދަލެއް ނާދެއެވެ. އިންސާފާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، އަދި އެންމެން ޝާމިލުކުރުމުގެ މައްޗަށް ބިނާކޮށްފައިވާ އޭނާގެ 'މެލޭޝިޔާ މަދަނީ' އެޖެންޑާ ނުވަތަ އޮނިގަނޑަކީ، މިއަދު ބަދަލުވެ ކުރިއަރަމުންދާ މެލޭޝިޔާގެ މައިގަނޑު އަސާސެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ މެކްރޯއިކޮނޮމިކްސް ބެލެހެއްޓުމުގެ މުހުތާދުތަކާއި، ނާޒުކު ސިޔާސީ ހަމަޖެހުމެއް ދެމެހެއްޓުމުގެ މަޖުބޫރީ ޙާލަތުގެ ސަބަބުން، ޒަމާންވީ 'ރިފޯމެސީ' ގެ މި ޤާބިލުކަން މިހާރު ވަރަށް ބޮޑަށް އިމްތިޙާނު ކުރެވެމުންދާ ކަމަށް މަސްރަޙުގެ ދާރިސުން ދެކެވަޑައިގަންނަވައެވެ.
އަންވަރުގެ 'މެލޭޝިއާ މަދަނީ' އެޖެންޑާގެ ސަރުކާރަށް މެކްރޯއިކޮނޮމިކް ހަމަޖެހުމަކީ ހަމައެކަނި ތަފާސްހިސާބުގެ އަމާޒެއް ނޫނެވެ. އެއީ، ބައިނަލްއަޤުވާމީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ބޭނުންވާ އިސްތިރާޖީ ބިންގަލެކެވެ. 2025 ވަނަ އަހަރުގެ އިޤުތިޞާދީ ނަތީޖާއިން ދައްކާ ގޮތުގައި މި އަމާޒުން ދަނީ ފައިދާތަކެއް ހާސިލުކުރެވެމުންނެވެ. ރަސްމީ އަންދާޒާތަކަށްވުރެ އިތުރަށް، މުޅި އަހަރުގެ ތެރޭގައި މެލޭޝިއާގެ ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ވަނީ %5.2 ކުރިއަރާފައެވެ.
މި ކުރިއެރުން އެންމެ މައްޗަށް ދިޔައީ 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައެވެ. އެއީ، %6.3 ގެ ކުރިއެރުމަކާއެކު، ފާއިތުވި ބާރަ ކުއާޓަރުގެ ތެރޭގައި ވެސް ފެނުނު އެންމެ ވަރުގަދަ ނަތީޖާއެވެ. މި ކުރިއެރުމުގެ އަސްލަކީ ޤައުމުގެ އެތެރޭގެ ޑިމާންޑް ބޮޑުވުމާއި އިންވެސްޓްމަންޓްގެ ޙަރަކާތްތައް އިތުރުވުމެވެ. މީގެ ސަބަބުން، ސަރުކާރުގެ ފުޅާ އިޖުތިމާޢީ އެޖެންޑާ ކުރިއަށް ގެންދިއުމަށް ބޭނުންވާ 'ފިސްކަލް ސްޕޭސް' ނުވަތަ މާލީ ޖާގަ ވަނީ ލިބިފައެވެ.
ފިސްކަލް ޑިސިޕްލިންއަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން، ފިސްކަލް ޑެފިސިޓް %3.7 އަށް ދަށްކުރުމުން ހާމަވެއެވެ. މިއީ، ފުރަތަމަ ކަނޑައެޅި %3.8 ގެ އަމާޒަށްވުރެ ރަނގަޅު ނަތީޖާއެކެވެ. މި މާލީ ހަރުދަނާކަމާއި ޤައުމުގެ އެތެރޭގެ ވަރުގަދަ އަސާސްތަކުގެ ސަބަބުން، އޭޝިއާގައި އެންމެ ރަނގަޅަށް ހިނގަމުންދާ ނުވަތަ ކުރިއަރަމުންދާ ފައިސާގެ ގޮތުގައި މެލޭޝިޔާގެ ރިންގިޓް ވަނީ ފާހަގަކުރެވިފައެވެ. އަދި، 2024 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް %17 ގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. ބައިނަލްއަޤުވާމީ ވިޔަފާރީގެ ބައިވެރިންގެ މައްޗަށް އެމެރިކާއިން ބޮޑެތި ޓެރިފްތަކެއް ނުވަތަ އިމްޕޯޓުޑިޔުޓީތަކެއް ކަނޑައެޅުމާ ގުޅިގެން، އުކުޅެއްގެ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހު މެލޭޝިއާގެ މަރުކަޒީ ބޭންކު، ބޭންކް ނެގާރާ މެލޭޝިޔާއިން ޕޮލިސީ ރޭޓް %2.75 އަށް ދަށްކުރުމަށް އެޅި ފިޔަވަޅަކީ، ފައިސާގެ މި ކުރިއެރުމުގެ ވަރަށް މުހިންމު ބައެއް ކަމުގައި މަސްރަޙުގެ ދާރިސުން ދެކެވަޑައިގަންނަވައެވެ.
ނަމަވެސް، 2026 ވަނަ އަހަރު ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބަލާއިރު، މަސްރަޙު ދިރސާކުރައްވާ އިސް ދާރިސުންގެ ނަޒަރުގައި މި އުންމީދުތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އަންނަންޖެހެއެވެ. އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުން %10 ގެ ޓެކުހެއް ނަގަން ފެށުމާއެކު، އިޤުތިޞާދު ކުރިއަރާނީ %4.0 އާއި %4.5 އާ ދެމެދުގެ މެދުމިންވަރެއްގައި ކަމަށް ލަފާކުރެވެއެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް %2.9 ގެ ރެކޯޑު ދަށް މިންވަރެއްގައި އަދި އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު %1.4 ގައި ހުރެ، މިހާރުގެ ވަޒީފާގެ އިންޑިކޭޓަރުތައް ވަރުގަދަ ނަމަވެސް، ރައްޔިތުންނަށް އަމާޒުކޮށްގެން ހޯދައިދެމުންދާ މި ކުރިއެރުންތައް ދެމެހެއްޓުން ބިނާވެފައި ވަނީ، އިތުރުވަމުންދާ ވިޔަފާރީގެ ނުތަނަވަސްކަމުގެ ތެރެއިން ސަރުކާރަށް ކުރިއަށް ދެވޭނެ މިންވަރެއްގެ މައްޗަށެވެ. މެކްރޯއިކޮނޮމިކްސްގެ މި ކާމިޔާބީއަކީ ސަރުކާރުގެ އިޖުތިމާޢީ ސިޔާސަތުތަކުގެ ތެރެއަށް ވަނުމަށް އޮތް މުހިންމު ފާލަމެއް ކަމުގައި މަސްރަޙު ދިރާސާކުރައްވާ
ފަރާތްތަކުން ޤަބޫލުކުރައްވައެވެ.
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ބައިނަލްއަޤުވާމީ ކާރިސާއާ ގުޅިގެން، ހާއްސަކޮށް އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ސާފުނުކުރާ ތެލުގެ އަގު އުފުލުމާ ގުޅިގެން، ނާޒުކު ޙާލުގައި ދިރިއުޅެމުންދާ ރައްޔިތުން ޙިމާޔަތްކުރުމަށް ޓަކައި އަންވަރުގެ ސަރުކާރުން ވަނީ ޤައުމީ ސަބްސިޑީ ނިޒާމަށް ބަދަލުތަކެއް ގެނެސްފައެވެ. އެންމެންނަށް އެއްވަރަކަށް ދެމުން ދިޔަ ސަބްސިޑީތައް ހުއްޓައިލުމަށްފަހު، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ވަނީ ވަކި ފަރާތްތަކަކަށް އަމާޒުކޮށްގެން ސަބްސިޑީ ދޭން ފަށާފައެވެ. މި ބަދަލާއެކު މެލޭޝިޔާގެ ރައްޔިތުންނަށް ލިބޭ ކޯޓާ އިތުރުވެ، ވަކި ގިންތިތަކެއްގެ މީހުންނަށް މަހެއްގެ މައްޗަށް ސަބްސިޑީ ދީފައިވާ 300 ލީޓަރުގެ އާރުއޯއެން95 މަރުކާގެ ތެލާއި އަދި 400 ލީޓަރުގެ ޑީސަލް ލިބުމުގެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ.
މި މާލީ އިސްލާހުތަކުގެ މައިގަނޑު މަޤުސަދަކީ ސަލާމަތްކުރެވޭ ފައިސާ އިސްތިރާޖީ ގޮތެއްގައި ބެހުމެވެ. ސަބްސިޑީ ކުޑަކޮށްގެން ސަލާމަތްކުރެވޭ ފައިސާ ސީދާ ހަރަދުކުރަމުން ދަނީ އިޖުތިމާޢީ ރައްކާތެރިކަމުގެ ވިއުގަތަކަށެވެ. މީގެ ތެރޭގައި ހާއްސަކޮށް ސުމްބަންގަން ތުނާއީ ރަހްމާ (އެސްޓީއާރު) އަދި ސުމްބަންގަން އަސާސް ރަހްމާ (އެސްއޭއާރްއޭ) ފަދަ މުހިންމު ޕުރޮގުރާމުތައް ފާހަގަކޮށްލެވެއެވެ. ވިޔަފާރީގެ މުޖުތަމަޢަށް ބަލާއިރު، އީ-އިންވޮއިސިންގއިން އިސްތިސްނާވާ އާމްދަނީގެ މިންވަރު ސަރުކާރުން ވަނީ 3 މިލިޔަން ރިންގިޓަށް ބޮޑުކޮށްފައެވެ. މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.
މަދަނީ ސިޔާސަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކޮރަޕްޝަނާ ދެކޮޅަށް ހިންގޭ ތަހުޤީޤުތަކުން ހިފަހައްޓާ ނުވަތަ ދައުލަތަށް ނަގާ ފައިސާ ސީދާ ތަޢުލީމާއި ސިއްހީ ދާއިރާއަށް ހަރަދުކުރުމަށް އަންވަރު ނިންމަވާފައިވާ ހާއްޞަ ނިންމެވުމެވެ. މީގެ ސަބަބުން މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި ރައްޔިތުންގެ ލާބަޔާ ދެމެދު ޙަޤީޤީ ގުޅުމެއް އުފެދި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ޢާންމު ޚިދުމަތްތަކަށް ސީދާ ފައިދާކުރާނެ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ. އިޖުތިމާޢީ ހަމަހަމަކަމަށް ދެވޭ މި އަހައްމިއްޔަތުކަން ދަނީ، ޑިޖިޓަލް އުޞޫލުން މުއައްސަސާތައް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާ ވެސް ގުޅުވައިލެވެމުންނެވެ.
އިޤުތިޞާދު ޒަމާނީކޮށް، ޒުވާނުން ބައިވެރިކުރުމަށް ޓަކައި، 'މެލޭޝިއާ މަދަނީ' އެޖެންޑާގެ ދަށުން ސަރުކާރުން ދަނީ ވެރިކަން ހިންގުމުގެ އަސާސީ ބިންގަލުގެ ތެރެއަށް ޓެކްނޮލޮޖީ ވަރަށް ބޮޑަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި އިސްތިރާޖުގެ އެންމެ މުހިންމު އެއް ބަޔަކީ، ވިޔަފާރީގެ ފެންވަރުގެ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ ވަސީލަތްތައް ހިލޭ ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިދީ، 18 އަހަރާއި 30 އަހަރާ ދެމެދުގެ މެލޭޝިއާގެ ޒުވާނުން ބާރުވެރިކުރުވުމެވެ. މި ވަސީލަތްތަކުގެ ތެރޭގައި ގޫގްލްގެ ޖެމިނައި އެންޓަރޕްރައިޒް، އަލީބާބާ ކްލައުޑްގެ މިޔުލްރަން، އަދި ކޮންޓެންޓް އުފައްދާ ވަސީލަތެއް ކަމަށްވާ ވޮންޑަރކްލިޕް ހިމެނެއެވެ. މަތީ ފެންވަރުގެ ޑިޖިޓަލް ވަސީލަތްތައް އެންމެނަށް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤުވާމީ ފެންވަރުގެ އަގުހުރި އިޤުތިޞާދެއްގައި ވާދަކުރެވޭނެ، ޓެކްނޮލޮޖީއަށް ފަރިތަ މަސައްކަތްތެރި، ޚިދުމަތްތެރި ޒުވާނުންތަކެއް އުފެއްދުމެވެ.
މީގެ އިތުރުން، އަންވަރުގެ ޑިޖިޓަލް ނަކަލެއްގެ ގޮތުގައި އޭނާގެ 'ޑިޖިޓަލް އެވަޓަރ' ތަޢާރަފުކުރެއްވުމާއެކު، ސީދާ ޑިމޮކްރެޓިކް ބައިވެރިވުން ވެސް ވަނީ ޒަމާނީކުރެވިފައެވެ. އޭއައިގެ އެހީގައި މަސައްކަތްކުރާ މި ވަސީލަތަކީ ބޮޑުވަޒީރުގެ އޮފީހުގެ ޑިޖިޓަލް ގޮތްޕެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފަސޭހައިން އެ މީހުންގެ އުންމީދުތަކާއި ކަންބޮޑުވުންތައް ޙިއްޞާކުރުމުގެ ފުރުޞަތު ލިބި، "އާ ޚިޔާލުބަދަލުކުރުންތަކަކަށް" މަގުފަހިވެގެންދިޔައެވެ.
ރައްޔިތުންނާ ގުޅުން ބަދަހިކުރުމުގެ އިތުރުން، ޑިޖިޓަލް ޞިއްޙީ ނިޒާމުތައް ޒަމާނީކުރުމާއި މަދަރުސާތަކުގެ އުމްރާނީ ވަސީލަތްތައް ނިޒާމީ ގޮތެއްގައި ބެލެހެއްޓުން ފަދަ 'ޑިޖިޓަލް-ފަސްޓް' މުއައްސަސާތައް ކުރިއެރުވުމުގެ މަސައްކަތް އަންވަރުގެ ސަރުކާރުން މިހާރު ވެސް ދަނީ ކުރަމުންނެވެ. މިއީ، ހަމައެކަނި މަރާމާތުކުރުންތަކެއް ނޫނެވެ. މިއީ، މެލޭޝިޔާގެ އަސާސީ މުއައްސަސާތަކަކީ ޑިޖިޓަލް ޒަމާނަށް ތައްޔާރުވެފައިވާ ތަންތަން ކަން ކަށަވަރުކުރުމަށް ކުރެވޭ އިސްތިރާޖީ ވުނަކުރުމެކެވެ. ނަމަވެސް، ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުމަށް ކުރެވޭ މި މަސައްކަތްތައް ބިނާވެފައި ވަނީ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި މުއައްސަސާތަކުގައި ހުރި ގޯސްތައް ކާމިޔާބުކަމާއެކު ނައްތައިލުމުގެ މައްޗަށް ކަމަށް އަންވަރު އަބަދުވެސް ޤަބޫލުފުޅު ކުރައްވައެވެ.
އަންވަރުގެ 'މެލޭޝިއާ މަދަނީ' އެޖެންޑާގެ ދަށުން އެކުލަވައިލާފައިވާ 'އިކޮނޮމީ މަދަނީ' އޮނިގަނޑުގެ ކާމިޔާބީ ބިނާވެފައިވަނީ، ހަރުދަނާ އިޞްލާހުތަކާއި ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ބޭނުންވާ ސިޔާސީ ޙަޤީޤަތްތަކާ ދެމެދު ގެންގުޅޭ ނާޒުކު ހަމަހަމަކަމެއްގެ މައްޗަށެވެ. ސިޔާސީ ކޯޅުންތަކަށްވުރެ ސުލްހައާއި ހަމަޖެހުމަށް އިސްކަންދެއްވާ ކަން އަންވަރު ވަނީ ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، މާބޮޑަށް ދެބަސްވުންތައް އުފެދޭނަމަ އިޤްތިޞާދު "ވެއްޓިގެން ހިނގައިދާނެ" ކަމުގައެވެ. އޭނާ ޤަބޫލުފުޅު ކުރައްވާ ޙަޤީޤަތަކީ ވެސް މިއީއެވެ.
ޙަޤީޤަތާ ގާތްކުރާ މި ވިސްނުމުގެ ސަބަބުން، ފުރަތަމަ ވެފައިވާ އިޞްލާޙީ ވަޢުދުތަކަށް ސަރުކާރުން މާބޮޑަށް ދޫދީފައިވާ ކަމަށް ނުވަތަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ރަނގަޅަށް ތަޙުޤީޤުނުކުރެވޭ ކަމަށް ދެކޭ ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި ފާޑުކިޔުންތަކާއި، ޖެހިޖެހިގެން އައި ސަރަޙައްދީ ތިން އިންތިޚާބަކުން ވެރިކަންކުރާ އިއްތިޙާދަށް ނާކާމިޔާބުވުމާ ގުޅިގެން، 2028 ވަނަ އަހަރުގެ ކުރީކޮޅު ބާއްވަން ތާވަލުކޮށްފައިވާ ޢާންމު އިންތިޚާބުގެ ކުރިން ކާމިޔާބު ނަތީޖާތަކެއް ނެރެދިނުމަށް އަންވަރަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.
ސިޔާސީ މި ފިއްތުންތަކާއެކު ވެސް، ބޮޑެތި މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ތަންފީޒުކުރުމުގެ ސިޔާސަތު އަންވަރުގެ ސަރުކާރުން ދަނީ ދައްކައިދީ، ހާމަކޮށްދެމުންނެވެ. މީގެ މައިގަނޑު އެއް މިސާލަކީ، މެލޭޝިޔާގެ ސޮވެރިން ވެލްތު ފަންޑު ކަމުގައިވާ 'ޚަޒާނާ ނޭޝަނަލް' ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ 'ޒެރާޔާ ކެޕިޓަލް' ގެ މައްސަލައިގައި 2026 ވަނަ އަހަރު ހިންގި ތަޙުޤީޤެވެ. ކުރިން ހިންގާފައިވާ މުޢާމަލާތްތަކުގައި ވެރިކަން ހިންގުމުގެ އުޞޫލުތަކާ ޚިލާފު ކަންތައްތަކަކާއި ކުރީގެ މައްސަލަތަކެއް ހުރިކަން އެ ކުންފުނީގެ ބޯޑަށް ފާހަގަވުމުން، ޚަޒާނާގެ ޗެއާމަންގެ ހައިސިއްޔަތުން އަންވަރު ވަނީ އެންމެ މަތީ ފަންތީގެ ފޮރެންސިކް މިންގަނޑުތަކާ އެއްގޮތަށް ތަޙުޤީޤެއް ހިންގުމަށް އަމުރު ކުރައްވާފައެވެ. މި ފިޔަވަޅުގެ މަޤުޞަދަކީ، ހަމަޖެހުމަށް އިސްކަންދިން ނަމަވެސް، މުއައްސަސާތަކުގެ ނަޒާހަތްތެރިކަމަކީ ދޫކޮށްލެވޭނެ ނުވަތަ ދޫދެވޭނެ ކަމެއް ނޫންކަން ޤައުމުގެ ރައްޔިތުންނަށާއި ބައިނަލްއަޤުވާމީ އިންވެސްޓަރުންނަށް އަންގައިދީ، ސާފުކޮށްދެއްވުމެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، މެލޭޝިޔާގެ 'މަދަނީ' އެޖެންޑާއަކީ ހަލުވި އިޤުތިޞާދީ ކުރިއެރުމާއި، އިޖުތިމާޢީ އިންސާފާއި، އަދި މުއައްސަސާތަކުގެ އިސްލާހުތައް ހަމަހަމަކުރުމަށް ކުރިއަށްގެންދާ ބިޔަ މަސައްކަތެކެވެ. މެކްރޯއިކޮނޮމިކްސްގެ ގޮތުން މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ހާސިލުކޮށްފައިވީ ނަމަވެސް، ކުރިއަށް އޮތް މަގުގައި ޖިއޯޕޮލިޓިކަލް ވިޔަފާރީގެ ނުރައްކާތަކާއި އެތެރޭގެ ސިޔާސީ ގޮންޖެހުންތައް އެބަހުރި ކަމުގައި މަސްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ޤަބޫލު ކުރައްވައެވެ. އަންވަރު އިބްރާހީމްގެ ބޮޑުވަޒީރު ކަމުގެ މިހާރުގެ ކާމިޔާބީ މިންކުރެވޭނީ، ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުގައި ހިފެހެއްޓެވި 'ރިފޯމެސީ' ގެ އުސޫލުތައް ދޫކޮށްނުލައްވައި، މިހާރު އޮތް ހަމަޖެހުން ދެމެހެއްޓެވުމަށް އޭނާއަށް މަސައްކަތް ކުރެއްވޭނެ މިންވަރެއްގެ މައްޗަށް ކަމުގައި މަސްރަޙުގެ ދާރިސުން ދެކެވަޑައިގަންނަވައެވެ.