މިދިޔަ މަހުގެތެރޭ ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 199.89 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 191.16 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ. ނިމުނު އޮގަސްޓު މަހު ދައުލަތަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީގެ 13.3 އިންސައްތަ ހިއްސާކުރަނީ ގްރީން ޓެކްސްއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓު މަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 1.56 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.47 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %5.6 އިތުރު އަދަދެކެވެ. އޮގަސްޓު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 199.89 މިލިޔަން ރުފިޔާއަކީ އެ މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 8.3 އިންސައްތައެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ، ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ، ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ، ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫޢުތައް މީގެ ތެރޭގައި ހިމެނެއެވެ.