މެލޭޝިއާއާއި ދިވެހިރާއްޖޭގެ ގާތް ގުޅުން އެންމެ ބޮޑަށް ރަމްޒުކޮށްދެނީ ދިވެހިން މެލޭޝިއާގައި ދިރިއުޅޭ ނުވަތަ އެޤައުމަށް ދާ މިންވަރަށް ބެލުމުންނެވެ. ދިވެހިންނަށް މެލޭޝިއާ ޚާއްސަވާ ގިނަ ސަބަބުތަކެއް ހުރިނަމަވެސް މައިގަނޑު އެއް ސަބަބަކަށްވާނީ، މަތީ ތައުލީމަށް އޮތް ފުރުސަތުތަކެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1968 ވަނަ އަހަރުއެވެ. މެލޭޝިއާގެ އާބާދީގެ ބޮޑު ބަޔަކީ މުސްލިމުން ކަމަށްވެފައި، ދެ ޤައުމު ދެމެދު ބަދަހި ގުޅުމެއް އުފެދިގެން ދިޔައެވެ. އެކި ދާއިރާތަކުން މި ގުޅުން ފެނިގެން ދިޔަނަމަވެސް، އެންމެ ބޮޑަށް މި ގުޅުން ރަމްޒުވާނެ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރާ ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން މަތީ ތަޢުލީމު ހާސިލްކުރަން ރާއްޖެއިން ބޭރަށް ދާނަމަ ޚިޔާރު ކުރަނީ މެލޭޝިއާއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މެލޭޝިއާ ފެނިގެންދަނީ ދިވެހިންގެ ތަޢުލީ ހަޔާތަށް ކުރިއެރުން ގެނެސްދެމުންދާ ޤައުމެއްގެ ގޮތުގައެވެ. މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާޢިރު މިވަގުތު މެލޭޝިއާގައި 2270 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުން ދެއެވެ. މީގެ ތެރެއިން 1965 ދަރިވަރުންނަކީ މެލޭޝިއާގައި މަތީ ތަޢުލީމު ހާސިލް ކުރަމުންދާ ކަމަށް ދަރިވަރުންކަމަށް ދިވެހި ހައިކޮމިޝަނުން ވިދާޅުވިއެވެ.
ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މެލޭޝިއާއަކީ ދިވެހިން މަތީ ތަޢުލީމު ހާސިލްކުރުމަށް އެންމެ ގިނައިން ދާ އެއް ޤައުމު ކަމަށެވެ. އެގޮތުން ސަރުކާރުގެ ޚަރަދުގައި މިހާރުވެސް މެލޭޝިއާގައި 1433 ދަރިވަރުން މަތީ ތަޢުލީމު ހާސިލްކުރަމުންދާ އެވުޒާރައިން ވިދާޅުވިއެވެ. އަދި މެލޭޝިއާއަކީ ދިވެހިން މާސްޓާސް އަދި ޕީއެޗްޑީ އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ހާސިލްކޮށްފައިވާ ޤައުމުކަމަށްވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރައިން ވަނީ ހާމަކޮށްފައެވެ.
ތާރީޚީ ނަޒަރަކުން ބަލާނަމަ، ދެކުނު އިރުމަތީގެ އޭޝިއާގެ އޮންނަ މެލޭޝިއާއަށް ތަޢުލީމާއި މަތީ ތަޢުލީމު ހާސިލްކުރުމަށް ދާ ދިވެހިންގެ އަދަދު 90 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން އިތުރުވަމުން ދިޔަކަން އެނގެން އޮވެއެވެ. އަދި އަދި 2010 ހިސާބުގައި ރާއްޖޭގެ ދަރިވަރުންނަށް މެލޭޝިއާގެ ޔުނިވާސިޓީތަކުން ޖާގަ ދިނުމަށް، އެ ޤައުމުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުން މަސައްކަތް ފަށައި އެ މަސައްކަތް ފުޅާކުރިއެވެ. އަދި ޔުނިވާސިޓީތަކުންނާއި ބޭރުގެ އެކި ޖަމީއްޔާތައް މެދުވެރިކޮށް ދިވެހިންނަށް ލިބެމުންދިޔަ ސްކޮލާޝިޕް ފުރުސަތު އިތުރުކޮށްދީފައިވެއެވެ.
އަމިއްލަ ޔުނިވާސިޓީތަކާއި ތަޢުލީމީ އެކި އިދާރާތަކުގެ ގުޅުން މިގޮތުގައި ކުރިއަރަމުން އައިނަމަވެސް ރަސްމީ ސިފައެއްގައި ދެ ޤައުމު ދެމެދު މަތީ ތަޢުލީމުގެ ދައިރާން ގުޅުން ޤާއިމްކޮށް ދަރިވަރުންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަށް އެއްބަސްވުމެއްގައި 2017 ވަނަ އަހަރު ސޮއިކޮށްފައިވެއެވެ. މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު މަތީ ތަޢުލީމުގެ ދައިރާން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުންގެ ވެގެން ދިޔައީ މެލޭޝިއާއަށް ދާ ދިވެހި ދަރިވަރުންނަށް ލުއިތަކެއް ހޯދުމާއި، ފަހި ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް ކޮށައި ދިން މަގަކަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަށުން ސްކޫލް އޮފް މެޑިސިން 2018 ވަނަ އަހަރު އިފްތިތާޙް ކުރެވި، 2019 ވަނަ އަހަރު ކިޔަވައިދޭން ފެށިއިރު، އެ ތަނުގައި ކިޔަވައިދޭ މަންހަޖަކީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީގެ މަންހަޖެކެވެ. މިހާތަނަށް އެތަނުން 4 ބެޗަކަށް ދިވެހި ޑޮކްޓަރުން ޤައުމީ ޚިދުމަތަށް ނެރެދީފިއެވެ.
އަދުގެ ސަރުކާރުންވެސް ވަނީ މި ބިންގަލުގެ މަތީގައި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކޮށްފައެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ލުއިތައް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ އިތުރަށް މެލޭޝީއާއިން ދިވެހިންނަށް ކިޔެވުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދީފައިވެއެވެ. މިކަމުގައި އެންމެ ފާހަގަކޮށްލެވެނީ މެލޭޝިއާގައި 6 ދައިރާއަކުން ކިޔެވުމަށް ފަހިކޮށްދިން 561 ސްކޮލާޝިޕް ފުރުސަތެވެ. ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެލޭޝިއާގެ މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސް އާއެކު 2024 ވަނަ އަހަރުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް މިދިޔަ އަހަރު ކުރެއްވި މެލޭޝިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ލުއިތައް ހޯދައި ދެއްވުމަށް އެ ޤައުމުގެ ސަރުކާރައި ވަނީ މަޝްވާރާކުރައްވާފައެވެ. އަދި އެ ޤައުމުގެ ކިޔަވާ ދިވެހި ދަރިވަރުން ޖަމިއްޔާ ރަސްމީކޮށް އެމަނިކުފާނު އިފްތިތާޚްކޮށްދެއްވާ އެ ޖަމިއްޔާ ހިންގުމަށް ބޭނުންވާ އެހީތެރިކަން ދިވެހި ސަރުކާރުގެ ފަރާތުން ހަމަޖައްސަވައި ދެއްވިއެވެ.
މިއަދު މެލޭޝިއާ ފާހަގަކޮށްލެވެނީ ދިވެހިންގެ މަތީ ތަޢުލީމުގެ ހަބެއްގެ ގޮތުގައެވެ. ގިނަ ފުރުސަތުތަކެއް ފަހިވެ ޤައުމު ބިނާކުރުމަށް ދިވެހިން ކުރާ ދަތުރުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ.