ޚަބަރު

ނޭޕާލަށް އެހީވުމަށް ހުޅުވި ފަންޑަށް 2.5 މިލިއަން ރުފިޔާ


ނޭޕާލްގަ ހާލުގަ ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ދިވެހިންގެ ފަރާތުން އެއްކުރި 2.5 މިލިއަން ރުފިޔާ، ކުރިއަށް އޮތް ދެހަފުތާ ތެރޭ ނޭޕާލް ރެޑްކްރޮސް ސޮސައިޓީއާ ހަވާލުކުރާނެ ކަމަށް ދިވެހި ރެޑްކްރޮސެންޓުން ބުނެފިއެވެ.ނޭޕާލް ރައްޔިތުންނަށް އެހީވުމުގެ ގޮތުން "ނޭޕާލް ރިލީފް ފަންޑު"ގެ ނަމުގައި ހުޅުވާފައިވާ ފަންޑު ފޮށި މިއަދު ވަނީ ރަސްމީކޮށް ބަންދުކޮށްފައެވެ.މި ފަންޑުގެ ކަންކަން ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރެޑްކްރެސެންޓް ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އަބްދުލް ރައްޒާޤު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފަންޑަށް އެއްކުރެވުނު ފައިސާ ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތް ނިންމާ، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނޭޕާލް ރެޑްކްރެސެންޓް ސޮސައިޓީއާ މި ފައިސާ ހަވާލުކުރެވޭނެކަމަށް އަބްދުލް ރައްޒާޤު ވިދާޅުވިއެވެ.މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ، ރެޑްކްރެސެންޓާއި ދިވެހި މީޑިއާގެ ބައިވެރިވުމާއިއެކު މިއީ މިހާތަނަށް ކުރު މުއްދަތެއްގެ ތެރޭގައި ހިންގުނު އެންމެ ކާމިޔާބު ހަރަކާތްކަމަށެވެ.ނޭޕާލް ރިލީފް ފަންޑަށް އެހީވުމަށްޓަކައި ރާއްޖޭގެ ހުރިހާ މީޑިއާތަކެއް ގުޅިގެން މިދިޔަ މޭމަހުގެ ތޭވިސްވަނަ ދުވަހު ހިންގި ހަ ގަޑިއިރުގެ ޓެލެތޯނުން އެކަނިވެސް އެކެއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާ މިފަންޑަށް ލިބިފައިވެއެވެ.ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ނޭޕާލް ރެޑްކްރޮސްއިން ނެރެފައިވާ އިލްތިމާސްގައި މިފައިސާ ޚަރަދުކުރުމަށް ޚާއްސަ ދިހަ ދާއިރާއެއް ފާހަގަކޮށްފައިވީނަމަވެސް، ދިވެހިންގެ ފަރާތުން ފޮނުވާ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރައްކާތެރި ބޯހިޔާވަހިކަމާއި، ބޭސްފަރުވާގެ އިންތިޒާމް ހަމަޖެއްސުމަށްކަމަށް ރެޑްކްރެސެންޓުން މައުލޫމާތުދެއެވެ.