ކުޅުދުއްފުށީގެ ބޮޑު ދެސްކޫލަކަށް އަންނަ އަހަރު ބޮޑު ބަދަލެއް ގެނައުމަށް އެޑިއުކޭޝަނުން ނިންމަވައި ބެލެނިވެރިންނާ އެކަން ޙިއްޞާ ކުރައްވައިފިއެވެ.
އެގޮތުން ހދ އަތޮޅު ތައުލީމީ މަރުކަޒު އެލްކޭޖީން ފެށިގެން ގްރޭޑް 10 ހަމަޔަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލްކޮށް ޖަލާލުއްދީން ސްކޫލް ގްރޭޑް 1 ން 12 އަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ކުރިން ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެމުންގެންދިޔަ ސްކޫލް އެކެވެ. އަދި ފަހުން އެސްކޫލްގައި ވަނީ ގްރޭޑް 8 އުފައްދާފައެވެ. ޖަލާލުއްދީން ސްކޫލަކީ މިހާތަނާ ޖެހެންދެން ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދެމުން ގެންދާ ސްކޫލެކެވެ.
މިގެނެވޭ ބަދަލާ ބެހޭގޮތުން ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޙިއްޞާކޮށްފައެވެ. އެގޮތުން ރޭ ހދ އަތޮޅު ތައުލީމީ ހުރިހާ ބެލެނިވެރިންނަށްވަނީ މިގެންނަ ބަދަލާ ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލްވުމުގައި މަޢުލޫމާތު ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރަޓަރީ އަޙްމަދު ޢަލީ އެވެ.
އެގޮތުން ދެސްކޫލަށް ކުދިން ބަހާލެވިފައިވާ ގޮތް މާދަމާ ސްކޫލްގެ ނޯޓިސްބޯޑަށް ނެރޭނެކަމަށް ވިދާޅުވިއެވެ. އަދި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 21 ޓީޗަރަކު ޖަލާލުއްދީނަށް ބަދަލުކޮށް ޖަލާލުއްދީން ސްކޫލްގެ 9 ޓީޗަރުން އޭ އީސީއަށް ބަދަލުކުރުމަށް ހަމަޖެހިފަވާކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުން ބަހާލުމުގައި ވަކި ކުއްޖަކަށް ނުބަލައި ގްރޭޑް 1 ން 8 ދެމެދު ކޮންމެ ގްރޭޑް އެއްވެސް ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ޖަލާލުއްދީން ސްކޫލަށް ބަދަލުވެގެންދާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޖާގައިގެ ކަންތައް ހުރިގޮތަކުން ހުރިހާ ގްރޭޑްތަކެއްގައި ދެބައި ކުޅަ އެއްބަޔަށްވުރެ މަދުކުދިން ބަދަލު ކުރަންވެސް ޖެހިދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ދެސްކޫލްގައިވެސް މިކަމަށްޓަކައި ގާއިމްކުރަންޖެހޭ ވަސީލަތްތައް ވީ އެންމެ އަވަހަކަށް ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށާއި މިދަތުރުގެ މައިގަނޑު މަޤްޞަދަކީ މިކަމަށް ކުރަންޖެހޭ މަސައްކަތްތަށް ބެލުންކަމުގައި އަހުމަދު އަލީ ވިދާޅިވިއެވެ. ޕާމަނަންޓް ސެކެރެޓަރީ ވިދާޅުވީ ދަރިވަރުން ސްކޫލަށް އައިސް މާޔޫސްވެގެން އެނބުރި ގެއަށްދާން ނުޖެހޭނެކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، ސްކޫލްތަށް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެކަމުގައި ވިދާޅުވިއެވެ.
ޕާމަނަންޓް ސެކެރެޓަރީގެ ވާހަކަ އަށްފަހު ބެލެނިވެރިންގެ ސުވާލުތަކަށް ފުރުޞަތު ހުޅުވާލުމުން ބެލެނިވެރިންވަނީ ގިނަ ސުވާލުތަކެއްކޮށް ބެލެނިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބޭފުޅުންނަށް ހުށަހަޅާފައެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ވަސީލަތްތަށް ގާއިމް ނުކޮށް މިފަދަ ބޮޑު ބަދަލެއްގެނައުމެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ކޮށްފާނެ ނޭދެވޭ އަސަރެވެ. އަދި އެކެއްގެ ދެދަރިން ދެސްކޫލް އަކަށް ވެދާނެތީއާއި މިނޫންވެސް ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަ ކޮއްފައެވެ.
ބެލެނިވެރިންގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ޕާމަނަންޓް ސެކެރެޓަރީ އަހްމަދު އަލީ ވިދާޅުވީ އެއްދަންފަޅިއަށް ހުރިހާ ސްކޫލްތަކެއް ބަދަލު ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި މިބަދަލުތައް ގެންނައިރު އެކަމަށް ކުރަންޖެހޭ ކަންތައްތަށް ސަރުކާރުން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެހެންނަމަވެސް މާޒީގައި ބައެއް ކަންކަން ހިނގާފައިވާ ގޮތުން މިނިސްޓްރީގެ ބަހަށް އެކަނި އިތުބާރު ކުރެވެން ނެތް ކަމަށް ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ. އަދި މިކަމަށް އަމަލީ ސިފައެއް ނާންނަނީސް މިކަން ކަން ގަބޫލް ކުރަން ދަތިކަމުގައި ބެލެނިވެރިން ބުނަމުންދިޔައެވެ.