ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ނަތީޖާ 1 އަހަރުގެ ތެރޭގައި ފެންނާނެ - ރައީސް


ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ނަތީޖާ އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާއި ގުޅޭ ކަންކަން ހަރުދަނާކޮށް ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލުހޯދުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކަށް ޢަމަލު ކުރެއްވުމަށް ރައީސް ނިންމެވީ މިދިޔަ އަންގާރަދުވަހުއެވެ.

ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅުއްވައި އެކަން ސަރުކާރުންވަނީ އިޢުލާންކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ނިންމުމެއްގެ ގޮތުގައި ނިންމަވާފައިވަނީ 1 އަހަރު ދުވަސް ވަންދެން ލޭބަރުންގެ ވަޒީފާތަކަށް ބިދޭސީން އެތެރެ ނުކުރެވޭގޮތަށް ނިންމުމެވެ. އަދި ޤައުމުތަކުން އެންމެ ގިނައިން ބިދޭސީން އެތެރެކުރެވޭނެ އަދަދު ކަމަށް ކަނޑައަޅާފައިވަނީ އެއްލައްކަ ފަންސާސް ހާހެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ވަރކް ޕަރމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހާ މީހުން އުޅެމުން އަންނަކަމަށެވެ. އަދި މީގެތެރެއިން 60،000 މީހުންނަކީ ޤަވަދުތަކަށް ނުފެތޭ މީހުންކަމަށެވެ.

"މި މީހުން ޤާނޫނުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މި ފެށީ. އުނދަގޫ މަސައްކަތެއް މި ފެށީ، 1 އަހަރު ތެރޭގައި ނަތީޖާ ފެންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހުން ގެންނައިރު، އެމީހުންނާއި ގުޅޭ މަޢުލޫމާތުތައް ބަލައި، މަސައްކަތްތަކާއި، އަދި އެމީހުންގެ ދިރިއުޅުމުގެ ޙާލަތު މޮނިޓަރ ކުރުމުގެ ކަންކަންވެސް ހަރުދަނާކުރާނެކަމަށެވެ. އެގޮތުން މީހުން ގެންނަން ހުއްދަ ދޭނީ، އެމީހުން ރާއްޖޭގައި ތިބޭ ތަނުގެ ފެންވަރު ބެލުމަށް ފަހުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" ވަގަށް މީހުން އެތެރެކުރާ ނެޓްވަރކްތައްވެސް އެބައުޅޭ. އިމިގްރޭޝަނާއި ކަސްޓަމްސްވެސް ނެތޭ ދެންނެވޭކަށް ނެތް. އެކަން ހިންގާފަ އެބަހުރި. އެކަންކަން ބަލާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރުޢޫތަކަށް ބޭރު ލޭބަރުން ބޭނުންވާކަމަށެވެ. އަދި ކުރިއަށް ހުރި މަޝްރޫޢުތަކަށް ބަލާއިރު ދެލައްކަ ފަންސާސްހާހެއްހާ ލޭބަރުން ނެތި މަސައްކަތް ނުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްޤީގައި ލޭބަރުންގެ ދަޢުރު ބޮޑުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.