ޚަބަރު

ހުޅުމާލޭގައި ޢާއްމު ފާޚާނާ ބަރިއެއް ހަދައި ބޭނުންކުރަން ފަށައިފި


ހުޅުމާލޭގައި ހަދާފައިވާ ޢާއްމު ފާޚާނާ ބަރި ބޭނުންކުރަން ފަށައިފިއެވެ. މިއީ ހުޅުމާލޭގައި ހެދި މިފަދަ ފުރަތަމަ އާއްމު ފާޚަނާ ބަރިއެވެ.

ހުޅުމާލޭގައި އާއްމުންނަށް ފަސޭހައިން އުޅެވޭނެ ވެއްޓެއް ޤާއިމުކުރުމަކީ ހުޅުމާލެ ތަރައްޤީކުރާ، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދަމުން އަންނަ މަސައްކަތެކެވެ. ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ އިރު، އެކި ބޭނުންތަކުގައި ހުޅުމާލެއަށް ގިނަ އަދަދަކަށް މީހުން ގޮސްއުޅެއެވެ.

މިއީ ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ އިތުރުން، އާއްމުންނަށް ބޭނުންވާ ޚިދަމްތައް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދެއެވެ.

ހުޅުމާލޭގައި އަލަށް ތަރައްޤީކޮށް ހުޅުވި ޢާއްމު ފާޚާނަބަރިއަކީ ހުޅުމާލޭގައި ހުޅުވި ފުރަތަމަ އާއްމު ފާޚާނާ ބަރިއެވެ. އާއްމު ފާޚާނާ ބަރީގެ މަސައްކަތް ފެށިތާ އެއް މަސްތެރޭގައި ހުރިހާ ޢަމަލީ މަސައްކަތްތައް ނިންމާފައިވަނީ މިދިތަ ޖުލައި މަހުއެވެ.

ހުޅުމާލެ ރުއްގަނޑު 2ސަރަޙައްދުގައި ހުޅުވި މި ފާޚަނަ ބަރީގައި އަންހެނުންނަށާއި ފިރިހެނުންނަށް ޚާއްސަ ފާޚަނަތައް ހިމެނެއެވެ. މިގެތެރޭގައި ހިމެނެނީ އަންހެނުންނަށް ޚާއްސަ 3 ފާޚަނައާއި، ފިރިހެނުންނަށް ޚާއްސަ 3 ފާޚަނައެވެ. މިތަން ފަރުމާކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ޚާއްސަ ފާޚަނަ ހިމަނައިގެންނެވެ. އަދި ގާތުންދޭ ކޮޓަރިއަކާއި، ތުއްތު ކުދިން ނެޕީ ބަދަލުކުރާ ކޮޓަރިއެއްވެސް އަންހެން ފާޚަނަބަރީގައި ހިމެނެއެވެ.

މި ފާޚަނަ ބަރި ހުންނަނީ ހުޅުމާލެ މޫދަށް އެރޭ ޓްރެކް ސަރަޙައްދުގައި ނަމަވެސް، މި އާއްމު ފާޚަނައިގައި ފެންވެރޭ ގޮތަކަށް ނުހުރެއެވެ. މީގެ ބަދަލުގައި އެޗްޑީސީންވަނީ މޫދަށް އެރޭ މީހުންނަށް ޚާއްސަކޮށްގެން ޝަވަރ ހެޑްތައް އެ ސަރަޙައްދުގައި ބަހައްޓާފައެވެ. އެގޮތުން ރީތިފެން ލިބޭނެހެން 4 ޝަވަރ ހެޑް ބަހައްޓާފައިވެއެވެ. އެޗްޑީސީން ބެނެފައިވަނީ މި ޝަަވަރ ހެޑްތައްވެސް މިހާރު ބޭނުންކުރެވޭނެކަމަށެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެމުން އެޗްޑީސީން ބުނެފައިވަނީ މި ޝަވަރހެޑްތަކާއި، ފާޚަނަބަރިވެސް އެއްވެސް ފީއަކާއި ނުލައި ބޭނުންކުރެވޭނެކަމަށެވެ.
900އަހަފޫޓުގެ ބިމެއްގައި ހަދާފައިވާ މި ފާޚަނަ ބަރިއަކީ ސަރުކާރުން 1.9މިލިއަން ރުފިޔާ ހޭދަކޮށްގެން އެޅި ފާޚަނަ ބަރިއެވެ. މިއީ ސަރުކާރުގެ 100 ދުވަހުގައި ހިމަނައިގެން ފެށި މަސައްކަތެކެވެ.

އެޗްޑީސިން ގެންދަނީ ހުޅުމާލޭ އަތިރިމަތި ސަރަޙައްދަކީ އާއްމުންނަށް އެންމެ ބޭނުންތެރި ގޮތަށް ބޭނުންކުރެވޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޗްޑީސީންވަނީ ބީޗްގެ އެކި ސަރަޙައްދުތަކުގައި މިގޮތަށް ޝަވަރ ހެޑްތައް ބަހައްޓާނެކަމަށް ބުނެފައެވެ. އަދި ހުޅުމާލެ ބީޗް ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ޕްލޭނެއްވެސް ދަނީ ހަދަމުންނެވެ.
އެޗްޑީސީން މިހާރުވަނީ ބީޗްގައި ހިންގާ ކެފޭތައް ނަގައި އެ ސަރަޙައްދު ހުސްކޮށްފައެވެ..