ސިޔާސީ

ކައުންސިލަރުން ތަމްރީންކުރުމަށް ޚާއްސަ ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމުކުރަނީ


ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ޒިންމާދާރުކުރުމަށްޓަކާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭ ތެރެއިން ޚާއްސަ ޓްރެއިނިންގ އިންސްޓިޓިއުޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

2010ވަނަ އަހަރު ވުޖޫދުވި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއެކު، މަރުކަޒީ ސަރުކާރު މެދުވެރިކޮށް ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ސަޤާފަތް އުވި، ލާމަރުކަޒީ އުޞޫލުން ކަންކަން ބައްޓަންވެގެންދިޔަ ނަމަވެސް، މިއަދާ ހަމައަށްވެސް މި ޤާނޫނު އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒު ނުކުރެވޭކަމީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މި ޤާނޫނުގެދަށުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކަށް މަތިކޮށްފައިވާއިރު، ބަޖެޓްގެ ތާށިކަމާއި އެކަށީގެންވާ ވަރަށް ވަޞީލަތްތައް ކައުންސިލްތަކުގައި ޤާއިމުވެފައިނެތްކަމުގެ ޝަކުވާއަކީ މިއީ މިއަދު ކައުންސިލްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތައް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ޖާޒީރާވަންތަ ސިފަތަކާއެކު، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްކަމަށްވާއިރު، ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ ބާރުތައް، އަލުން އަނބުރާ ކައުންސިލްތަކަށް އިޢާދަކޮށްދިނުން، މިއީ އެމަނިކުފާނު ވެރިކަމުގެ އެންމެ ފުރަތަމަކޮޅު ކުރެއްވި އެންމެ މުހިއްމު އެއް މަސައްކަތެވެ. ހަމައެހެންމެ އެމަނިކުފާނުގެ ބިޒީ ޝެޑިއުލުން، ކައުންސިލްތަކުގެ މެމްބަރުންނާއި ބައްދަލުކުރެއްވުމަށް ވަގުތު ހުސްކުރާކަމީ، މި ސަރުކާރުން ކައުންސިލްތަކާއެކު ބާއްވާ ގާތްކަން ފެނިގެންދާ އެއް ކަންތަކެވެ.

ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ސަރުކާރު ތަމްސީލުކުރައްވާ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ، ލާމަޒުކަޒީ ނިޒާމް އޭގެ އެންމެ ފުރިހަމަގޮތުގައި ހިނގައިގަތުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ކައުންސިލްތައް މެދުވެރިކޮށް އެކަށީގެންވާ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނަށް އަލަށް ގެނެވޭ އިސްލާޙުތަކާއެކު، ކައުންސިލަރުންގެ ޒިންމާތަކާއި މައްސޫލިއްޔަތުތައް އެތައްގުނައެއް އިތުރުވެގެންދާއިރު، ކައުންސިލަރުންނަށް ބޭނުންވާ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް އެލް.ޖީ.އޭ މެދުވެރިކޮށް މިހާރު ކުރައްވަމުންދާކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަންނަ އަހަރުގެ ވިސްނުމަކަށް މި ގެންގުޅެނީ މާލީގޮތުން ކައުންސިލްތަކަށް ފުދުންތެރިކަން ލިބުމާއެކު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކާ ކައުންސިލްތަކަށްދެވޭ ޓްރެއިނިންގ އިތުރަށްފުޅާކޮށް، ކައުންސިލްތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްދިނުމަށްޓަކާ ދެވޭ ޚިދުމަތްތައް އިތުރުކުރުން. އެގޮތުން މިހާރުވެސް އެލް.ޖީ.އޭގެ ތެރޭގައި ކައުންސިލަރުން ތަމްރީންކުރުމަށްޓަކާ ވަކި ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމުކުރެވިގެން، އެ މަސައްކަތް ފެށުމުގެ މަރުހަލާގައި މި އުޅެނީ." ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ކައުންސިލްތަކަށް ބޮޑެތި ޤާނޫނީ ބާރުތަކެއް ދޫކޮށްލާއިރު، ކައުންސިލްތައް ޒިންމާދާރުކުރުވުމަށްޓަކާ ޗެކް އެންޑް ބެލެންސް ނިޒާމެއް ސަރުކާރުގެ ތެރޭގައި ޤާއިމުވެފައި އޮތުން މުހިއްމުކަމަށެވެ. އަދި ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމް އެލް.ޖީ.އޭއާއި ފިނޭންސް މިނިސްޓްރީން ގުޅިގެން ވަރަށް ގާތުން ބަލަމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެލް.ޖީ.އޭއިންނާއި ފިނޭންސް މިނިސްޓްރީން ކައުންސިލްތަކުގެ މާލީ ޒިންމާ އަދާކުރަމުންދާގޮތް ކައިރިން ދުވަހުން ދުވަހަށް މޮނިޓަރކުރާނެ މެކޭނިޒަމްއެއް ހަމަޖެހިގެންދާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭނެ އެންމެ މުހިއްމުކަމަކީ ކައުންސިލްތަކަށް ބާރުވެރިކަން ދިނުމާއެކު ކައުންސިލްތައް ޒިންމާދާރުކުރުވާ މޮނިޓަރކުރުމުގެ ކަންކަން ހަރުދަނާކުރުން. އެ މަސައްކަތަކީ އެލް.ޖީ.އޭގެ ތެރެއިން އެންމެ އިސްކަމެއްދެވިގެން ކުރިއަށްދާނެ މަސައްކަތް." ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަންދިނުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު އަމަލުކުރަމުންދާ ޤާނޫނަށް މައިގަނޑު 22 އިސްލާޙެއް ސަރުކާރުން ފަރާތުން ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑެތި ބަދަލުތަކަކީ މުޅި ދަޢުލަތަށް ލިބޭ ޢާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ޙާއްސަކުރުމާއި، ކައުންސިލްތަކަށް ޢާމްދަނީ އިތުރުވާނެގޮތްތައް ފަހިކޮށްދީ، ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރުންފަދަ މުހިއްމު އިސްލާޙުތަކެއް ހިމެނެއެވެ.