ޚަބަރު

އީރާނު-އެމެރިކާގެ ސުލްޙައިގެ އެއްބަސްވުމާއެކު ނަތަންޔާހޫއަށް ގޮތްހުސްވެއްޖެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ކުރި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން އީރާނުގެ އިސް ވެރިން ޝަހީދުކޮށްލައި، މުޅި މެދުއިރުމައްޗަށް އަތްގަދަކުރަން ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭވި ރޭވުން، ކާމިޔާބުނުވުމުން މާޔޫސްވެއްޖެއެވެ.

މި އަހަރު އޮންނަ ޔަހޫދީންގެ މުޙިންމު އިންތިޚާބަކަށް މަޤުބޫލުކަން އިތުރުކުރުމުގެ ނިޔަތުގައި، ނަތަންޔާހޫ ރޭވި ރޭވުން ނާކާމިޔާބުވެ، މިހާރު ޔަހޫދީންގެ އަސްކަރީ އޮޕަރޭޝަންތައް ލުބުނާނުގައި ވަނީ ތާށިވެފައެވެ.

އޭގެ ބަދަލުގައި ފެނިގެންދަނީ، އީރާނުގެ މައްޗަށް ކުރި ނުހޯދި، ޓްރަމްޕްގެ ސަރުކާރުން މި ހަނގުރާމައިން ސަލާމަތްވުމަށް މަސައްކަތް ކުރައްވަމުން، އީރާނާއެކު ސުލްޙައިގެ އެއްބަސްވުމަކާ ދިމާއަށް މިސްރާބު ޖަހާފައިވާ މަންޒަރެވެ. މިއާއެކު، ޔަހޫދީންނާއި އެމެރިކާގެ އަމާޒުތައް ހާސިލްނުވެ، ޓްރަމްޕާއި ނަތަންޔާހޫ އާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތައް ބޮޑުވެފައެވެ.

މިވަގުތު އިސްރާއީލުގެ އޮފިޝަލުން އާންމު ތަންތަނުގައި ވާހަކަދެއްކުމުގައި ސަމާލުވެ ތިބި ނަމަވެސް، އަމިއްލަ މަޝްވަރާތަކުގައި ވަރަށް ބޮޑު މާޔޫސްކަމެއް އޮތްކަން ސާފުވެއެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޔަހޫދީންގެ އިސް އޮފިޝަލަކު ރޮއިޓަރސް ނޫހަށް ބުނީ، އަންނަ ހުކުރު ދުވަހު ސޮއި ކުރަން މިހާރު ތައްޔާރުވެފައިވާ ސުލްޙައިގެ އެއްބަސްވުމަކީ ޔަހޫދީންނަށް "ބިރުވެރި އެއްބަސްވުމެއް" ކަމަށެވެ.

ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލާއިރު، އެމެރިކާ އާއި ޔަހޫދީންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދޭނެ ފުރިހަމަ ޝަރުތުތަކެއް އެކުލަވާލާނެ ކަމަށް ވޮޝިންޓަނުން ބުނެއެވެ. ނަމަވެސް ޔަހޫދީންގެ އޮފިޝަލުން ރޮއިޓަރސްއަށް ބުނީ، އެއްބަސްވުމަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށާއި، ޔަހޫދީ ދައުލަތުގެ އަތްބަނދެވި، ކަންބޮޑުވުންތަކަށް އެދެވޭ ޙައްލެއް ނުލިބޭނެ ކަމަށެވެ.

އީރާނުން ވާގިވެރިވާ، ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާޙިދުންގެ ޖަމާޢަތް، ޙިޒްބުاللهއަށް ޢަމާޒުކޮށް ދެމުންދާ ޙަމަލާތައް ހުއްޓައިލުމަށް ޔަހޫދީން ދެކޮޅު ހެދުމުން، ނަތަންޔާހޫ އާއި ޓްރަމްޕް ވަނީ ތަކުރާރުކޮށް ބަހުގެ ހޫނު ޙަމަލާތަކެއް ބަދަލުކޮށްފައެވެ. މި މަސް ފެށުނުއިރު ޓްރަމްޕް ވަނީ ރުޅިވެރި ފޯނު ކޯލެއްގައި ނަތަންޔާހޫއަށް އަމުރުކުރައްވައި، އެމެރިކާއިން އީރާނާއެކު އެއްބަސްވުމެއް ހޯދަމުން ދަނިކޮށް ލުބްނާނުގެ ވެރިރަށް ބައިރޫތަށް ޙަމަލާ ނުދިނުމަށް އަންގަވައިފައެވެ.

ނަތަންޔާހޫ އެދުވަހު ޙަމަލާތައް ހުއްޓާލި ނަމަވެސް، އޭގެ ހަފްތާއެއް ފަހުން ބައިރޫތުގެ ދެކުނުގެ ސަރަޙައްދުތަކަށް އަލުން ހަމަލާދިނުމުން، އީރާނުން ޔަހޫދީންނަށް މިސައިލް ޙަމަލާތަކެއް ދިނެވެ. އަދި ޓްރަމްޕްގެ ފަރާތުން ދެފަރާތަށް އާންމުކޮށް ފާޑުކިޔުންތައް އަމާޒުވިއެވެ.

އެމެރިކާ އާއި އީރާނުން ވަގުތީ އެއްބަސްވުން އިޢުލާން ކުރުމުގެ ގަޑިއެއްހާއިރު ކުރިން، ލުބުނާނުން ޔަހޫދީންނަށް ރޮކެޓް ޙަމަލާ ދިނުމާ ގުޅިގެން، ޔަހޫދީން އަނެއްކާވެސް ލުބުނާނުގެ ވެރިރަށަށް ހުކުރު ދުވަހު ހަމަލާދީފައިވެއެވެ.

ޤުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނީ އޭނާ އާއި ޓްރަމްޕާ ދެމެދު ބައެއް ފަހަރު ޚިޔާލުތަފާތުވުންތައް އުފެދޭކަމަށެވެ.

އަންނަ އޮކްޓޯބަރު މަހު އޮންނަ އިންތިޚާބުން ބަލިވާނެ ކަމަށް ލަފާކުރެވޭތީ، ނަތަންޔާހޫ ހުރީ ޓްރަމްޕާ ސީދާ ދެކޮޅަށް ނުކުމެގެން ނަމަވެސް އޭނާގެ ހަރުކަށި ސިޔާސަތުތައް ދިފާޢުކުރާ ގޮތަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވެވޭ ސުލްޙައިގެ އެއްބަސްވުމުގައި ހުކުރު ދުވަހު ސްވިޒަލޭންޑްގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ. މެދުވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވާ ޕާކިސްތާނުން ބުނީ، އެ އެއްބަސްވުމުގައި ލުބުނާނު ވެސް ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކެއްގެ އަސްކަރީ އޮޕަރޭޝަންތައް ދާއިމީކޮށް ހުއްޓާލުމަށް ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް ނަތަންޔާހޫ ބުނީ، ޔަހޫދީން ލުބުނާނުގެ ދެކުނުގައި ސިފައިން ބައިތިއްބައި، ޙިޒްބުاللهއާ ދެކޮޅަށް ޙަމަލާދިނުން ނުހުއްޓާނެ ކަމަށެވެ..

މި އެއްބަސްވުމުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނެއެވެ. އަދި ތެހެރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ދެބަސްވުންތައް 60 ދުވަހުގެ މަޝްވަރާތަކުގެ ތެރޭގައި ދާއިމީ ޙައްލަކާ ގެންދެވޭނެއެވެ. ނަމަވެސް، ހަނގުރާމައިގެ ބަހަނާއެއްގެ ގޮތުގައި ކުރިން ދެއްކި އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމާއި ސަރަޙައްދީ ހަތިޔާރު އެޅި ޖަމާއަތްތަކަށް ވާގިވެރިވުން ހުއްޓުވުން ފަދަ މައްސަލަތައް މި މަޝްވަރާތަކުގެ އެޖެންޑާގައި ހިމެނޭ ކަމަކަށް ނުބެލެވެއެވެ.

ޔަހޫދީންގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މިދިޔަ ހަފްތާގައި އީރާނާއެކު އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން ޔަހޫދީ ދައުލަތަށް ކުއްލި ސިހުމެއް ލިބުނެވެ. އަދި އެމެރިކާގެ މި ނިންމުންތަކަށް ނުފޫޒު ފޯރުވުމުގައި ޔަހޫދީންނަށް އެއްވެސް ކާމިޔާބީއެއް ލިބިފައިނުވާކަން އެ މީހުން ޤަބޫލުކުރެއެވެ.