ޓުއަރިޒަމް

ފަތުރުވެރިކަން އުމުރުންދުވަސްވީ ފަރާތްތަކަށް އަމާޒު ކުރަންޖެހޭ


ދުނިޔޭގެ ނިސްބަތުން ބަލާއިރު އުމުރުން ދުވަސްވީ ފަތުރުވެރިން ގިނަވަމުންދާ ކަމަށާއި އެ އުމުރުގެ ފަތުރުވެރިންނަށް އަމާޒްކޮށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޠާލިބް ރިފާއީ ވިދާޅުވެއްޖެއެވެ.ޑަބްލިއުޓީއޯގެ ސަރަހައްދީ ފެންވަރުގެ ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ޠާލިބް ރިފާއީ ވިދާޅުވީ އުމުރުން ދުވަސްވީ މީހުން ޗުއްޓީ ހޭދަކުރުމަށް ގައުމުން ބޭރަށްދާ އަދަދު އިތުރުވެފައިވާ ކަމަށާއި ރާއްޖޭގެ ރިސޯޓްތަކުން ދޭ ޚިދުމަތްތައް އެ އުމުރުގެ މީހުންނާއި ގުޅޭގޮތަށް ބައްޓަންކޮށް އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ޕްރޮމޯޝަންތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަ ބަދަލްތަކުގެ ތެރޭގައި އިރުމަތީ ގައުމުތަކުން ގައުމުން ބޭރަށް ޗުއްޓީ ހޭދަކުރުމަށްދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުން ތަކުގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަން ކުރިއަރައިގެންގޮސްފައިވާ ކަން ޠާލިބް ރިފާއީ ފާހަގަކުރެއްވިއެވެ.