މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ހަވާލު ކުރުމަށް އެންމެ އެކަށީގެންވާ ކުންފުނި ހޯދުމަށް ހިންގާ ޓެންޑަރިން މަރުހަލާ ދިގު ދެމިގެން ދިއުމަކީ މަސައްކަތްތައް އަވަހަށް ނިންމުމުގައި މިހާރުވެސް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ޕްލޭނިން މިނިސްޓަރ މިހެން ވިދާޅުވީ ބީލަންވެރިންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ އަސްލަމް ވިދަޅުވީ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ވާނީ މަސައްކަތް ހަވާލުކުރާ ފަރާތްތަކަކީ ޤާބިލު ބަޔަކަށް ވެގެންކަމަށެވެ. އަދި ޤާބިލު ކުންފުންޏެއް ހޮވުމަށް މިނިސްޓްރީން ތަފާތު މަސައްކަތްތައް ކުރަން ޖެހޭކަމަށްވެސް މިނިސްޓަރ އަސްކަމް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ބަޔަކާއި މަސައްކަތް ހަވާލުކުރުމުގައި މާލިއްޔަތު ޤާނޫނުގެ ދަށުން 3 ގޮތަކަށް އަމަލުކުރެވެން އޮންނަކަމަށެވެ. އެއީ ހުރިހާ ޕާޓިތަކަށް ހުޅުވާލައިގެން ބިޑް ހުށަހެޅުމުގެ ފުރުޞަތު ދިނުމާއި ވަކި ޢަދަދެއްގެ ކުންފުނިތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދިނުމާއި ވަކި ޚާއްސަ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށްފަހު މަސައްކަތް ހަވާލު ކުރުންކަމަށެވެ.
ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ މިނިސްޓްރީން އެންމެ އިސްކަމެއް ދެނީ ގިނަ ޕާޓީތަކަށް ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ދީ ބަޔަކު ހޮވުމަށްކަމަށެވެ. މިހާތަނަށް 1 މަޝްރޫޢު ފިޔަވާ އެވޯޑް ކުރި ހުރިހާ މަޝްރޫޢުއަކީ ކޮންމެ ކުންފުންޏަކަށްވެސް ބިޑް ހުށަހެޅޭ ގޮތަށް ކުރިއަށް ގެންދިޔަ ބިޑުތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މަސައްކަތާއި ހަވާލުވާނެ ކުންފުންޏެއް ހޮވުމަކީ އެންމެ ގިނަ ވަގުތު ނަގާ އަދި އޭގައި ގިނަ، ބުރަ މަސައްކަތްތަކެއް އެކުލެވޭ ކަމެއްކަމަށެވެ. އެގޮތުން، ތަފާތު ކުންފުނިތަކުން މިކަމަށް ކުރިމަތިލާއިރު، 1 ކުންފުނި ހޮވުމުގައި ގިނަ ބެލުންތަކެއް ބަލަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިއީ މަސައްކަތްތައް ނުނިމި ދިގު ދެމިގެން ދިއުމަށް ދިމާވާ ސަބަބެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ޓެންޑަރ އިވަލުއޭޓް ކުރުމުގައި ގިނަ މަސައްކަތްތައް ކުރަން ޖެހުމާއި އެކަށީގެންވާ ވަރަށް މުއައްޒަފުން ނެތުމާއި ސައްޙަ މަޢުލޫމާތު ނެތުމުގެ ސަބަބުން ބިޑް ބާޠިލްކުރަންވެސް ޖެހޭ. މިއީ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވާ ކަމެއް،" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ސަރުކާރުން މިއަހަރަށްވަނީ 2.5 ބިލިއަން ރުފިޔާގެ ޢުމަރާނީ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި ހިމަނާފައެވެ. ނަމަވެސް، މިހާތަނަށް ބަޔަކާއި ހަވާލުކޮށްފައިވަނީ މީގެ ތެރެއިން 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ. މިނިސްޓަރ ވިދާޅުވީ ނުނިމު ހުރި 1 ބިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތްތައް ކުންފުނިތަކާއި ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.