ރާއްޖޭގައި ކުރާ ކޮންމެ ބާވަތެއްގެ މަސްވެރިކަމަކަށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުން ލާޒިމްކޮށް، މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފުލުހުންނަށާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށް ބިލުގައި ހިމަނައިފިއެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށައެޅުއްވި މަސްވެރިކަމުގެ ބިލްގައި ވަނީ މަސްވެރިކަމުގައި ބޭނުންކުރާ އާލަތްތަކާއި، ހިފާ ބާވަތްތަކާއި މަސްވެރިކަން ކުރާ ބޭނުމަށާއި، އެނޫންވެސް ކަމާބެހޭ އެހެން ކަންކަމަށް ރިޔާޢަތްކޮށް އެމަސްވެރިކަމަކީ ވަކި ބާވަތެއްގެ މަސްވެރިކަމަކަށް ކަނޑައަޅަންވާނެކަމަށެވެ. އަދި ރާއްޖޭގައި ކުރާ ކޮންމެ މަސްވެރިކަމަކަށް، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުން ފިޝަރީޒް މިނިސްޓްރީއަށް ވަނީ ލާޒިމްކޮށްފައެވެ.
މި ޤާނޫނުގެ ދަށުން އެކުލަވާލާ މެނޭޖްމަންޓް ޕްލޭންގައި ކޮންމެހެންވެސް ހިމަނަންޖެހޭ ކަންކަމުގެ ތެރޭގައި އެމަސްވެރިކަމެއް އަމާޒުކުރެވިފައިވާ މަސްތައް ދިރިއުޅޭ މާޙައުލުގައި އުޅޭ އެހެންބާވަތުގެ މަސްތަކަކީ ކޮބައިކަން ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތަކަށް ބަރޯސާވާ މަސްތަކަކީ ކޮބައިކަން ހޯދަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މަސްވެރިކަން ބެލެހެއްޓުމަށާއި ތަރައްޤީކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ޕްލޭންގައި ހިމަނަންވާނެކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މަސްވެރިކަމަށް ލައިސަންސް ދިނުމާގުޅޭ ކަންކަން އިންތިޒާމްކުރާނެ ގޮތާއި އެމަސްވެރިކަމެއްގެ ސަބަބުން އުޅަނދުތަކަށް މަސްބޭނޭނެ މިންވަރަށް އެއްވެސް ޤައިދުތަކެއް އަންނަނަމަ އެފަދަ ޤައިދުތަކަކީ ކޮބައިކަންވެސް ހިމަންވަނީ ލާޒިމްކޮށްފައެވެ.
މަސްވެރިކަމާބެހޭ ޤާނޫނުދަށުން އެކުލަވާލާ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ޤަވާއިދެއްވެސް އެކުލަވާލުން ލާޒިމްކުރެއެވެ. އެ ޤަވާއިދުގެ ދަށުން ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކަކީ ކޮބައިކަމާއި އެކަންކަމާގުޅިގެން އެޅޭނެ ފިޔަވަޅުތައް ހިމަނަންޖެހެއެވެ. މި ޤަވާއިދުގެ ދަށުން މަސްކިރޭނެ ބަނދަރުތައް ނުވަތަ އެނޫންވެސް ސަރަޙައްދުތަކަކީ ކޮބައިކަމާއި މަހާއި މަހުގެ ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް އެކުލަވާލަންޖެހެއެވެ.
މަސްވެރިކަމާބެހޭ ޤާނޫނުގެދަށުން ކުރާ މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިން ކޮންޓްރޯލް އަދި ސަރވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާރޑާއި، ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ތަންފީޒްކުރަންޖެހޭނެކަމަށް އަލަށް އެކުލަވާލާ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ސިފައިންގެ ކޯސްޓްގާރޑާއި ފުލުހުންގެ ކޮންމެ އޮފިސަރަކީ މަސްއޫލިއްޔަތު އަދާކުރުމަށް ޢައްޔަންކުރެވިފައިވާ ތަންފީޒީ އޮފިސަރެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ފުލުހުންނަށް ޤާނޫނުގެ ދަށުން ލިބިދޭ ބާރުތަކުގެ ތެރޭގައި މަސްވެރިކަމުގެ ލައިސަންސް ނުވަތަ އެފަދަ އޫންވެސް ލިޔެކިއުމެއް ދެއްކުމަށް އަންގައި ބަލައިފާސްކުރުމުގެ ބާރާއި އެއްވެސް ބާވަތެއްގެ މަސް ބާނަން ބޭނުންކުރާ ދާ ނުވަތަ އެނޫންވެސް އާލާތެއް ދެއްކުމަށް އަންގައި ބަލާ ފާސްކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. މީހުން ދިރިއުޅުމަށް ބޭނުންކުރާ ތަނެއްގައި ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ޤާނޫނާ ޚިލާފަށް ބާނާފައިވާ މަސް ރައްކާތެރިކޮށްފައިވާކަމަށް ޤަބޫލުކުރެވޭނަމަ އެތަންތަނަށް ވަދެ ފާސްކުރުމުގެ ބާރުވެސް ލިބިދީފައިވެއެވެ.
މީނޫންވެސް މަސްވެރިކަމާގުޅޭ އުޅަނދުތަކާއި މަސް ބޭނުމަށްފަހު އެއްތަނުންއަނެއްތަނަށް ގެންދިއުމާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމުގެ މަސައްކަތަކުގެ ތެރެއިން ފުލުހުން ބަލަން ބޭނުންވާ ކަންކަން ބަލައިފާސްކުރުމުގެ ބާރު ލިބިދީފައިވެއެވެ. އަދި ތަންފީޒީ އޮފިސަރަށް ކޯޓު އަމުރަކާ ނުލައި މަސްދޯނިފަހަރަށާއި މަސް ފެކްޓްރީތަކަށާއި އައިސް ޕްލާންޓްތައްފަދަ ތަންތަނަށް ވަދެ ބަލައިފާސްކުރުމުގެ ބާރުވެސް ޤާނޫނުގެ ދަށުން ލިބިދީފައިވެއެވެ.
މި ޤާނޫނުގެ ދަށުން ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ބޭރުގެ މަސްވެރި އުޅަނދެއްނަމަ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ހުއްޓުވައި، ފާސްކުރުން ހިމެނެއެވެ. އަދި މަސްވރިކަމުގެ އުޅަނދުތަކާއި އެ އުޅަނދުތަކުގަ ބޭނުންކުރާ އެންމެހައި އާލާތްތަކަކީ ކަމާބެހޭ ޤާނޫނުތަކާއި ޤަވާދިދުތަކާ އެއްގޮތަށް ހުރި އާލާތަތްތޯ ކަށަވަރުކުރެވޭނެކަމަށްވެސް އަލަށް އެކުލަވާލާ ޤާނޫނުގައި ބުނެފައިވެއެވެ.
އަދި އެ އުޅަނދުތަކަކީ މަސްވެރިކަމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމާއި ދިވެހި މަސްވެރި އުޅަނދުތަކަށް އެއްވެސް ބާވަތެއްގެ މަސް ބާނަން ބޭނުންކުރާ ދާ ނުވަތަ އެފަދަ އެނޫންވެސް އާލާތެއް ދެއްކުމަށް އަންގައި ބަލައި ފާސްކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. އަދި ޤާނޫނުގެ ދަށުން ހިފަހައްޓާ އެއްޗަކީ ހަލާކުވެދާނެފަދަ އެއްޗެއްނަމަ ވިއްކާލުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން ތަންފީޒީ އޮފިސަރުންނަށް ދީފައިވެއެވެ.
މި ޤާނޫނާ ޚިލާފަށް އެއްވެސް ޢަމަލެއްކޮށްފިނަމަ ދެ ލައްކަ ރުފިޔާއާއި، ހަތަރު ލައްކަ ރުދިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދާނެކަމަށްވެސް މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލްގައިވެއެވެ. މިހާރު ޢަމަލުކުރަމުން އަންނަ މަސްވެރިކަމާ ބެހޭ ޤާނޫނަކީ މީގެ 32 އަހަރު ކުރިން އެކުލަވާލާފައިވާ ޤާނޫނެކެވެ. އެހެންކަމުން އަލަށް އެކުލަވާލާ މި ޤާނޫނާއެކު މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ބަދަލެއް އަންނަނާނެކަމަށް ސަރކާރުން ވަނީ ވިދާޅުވެފައެވެ.