ޚަބަރު

އއ. އުކުޅަހުގެ ނަރުދަމާ ނިޒާމު ހިންގުމުގެ މަސައްކަތް ސްޓެލްކޯއާއި ހަވާކޮށްފި


އއ. އުކުޅަހުގެ ނަރުދަމާ ނިޒާމު ހިންގުމުގެ މަސައްކަތް ސަރުކާރުން ރަސްމީކޮށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއާއި ހަވާލުކޮށްފިއެވެ.

އުކުޅަހުގެ ނަރުދަމާ ނިޒާމު ހިންގުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ މިކަމައްޓަކައި އއ. އުކުޅަހު ސްކޫލްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

އއ.އުކުޅަހުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް 2017ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލމިޓެޑާއި ހަވާލުކޮށްފައިވަނީ 20 މިލިއަން ރުފިޔާ އަށެވެ. އަދި މި މަސައްކަތް ނިންމުމަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެވެ.

އުކުޅަހުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ނިންމާލާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. މި ނިޒާމު ހިންގުން ސްޓެލްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުޖުތަބާއެވެ. އަދި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީއެވެ.

އއ. އުކުޅަހުގެ ނަރުދަމާ ނިޒާމު ހިންގުމުގެ މަސައްކަތް ސްޓެލްކޯއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވަނީ އއ. އުކުޅަހު ނަރުދަމާ ނިޒާމަކީ އެ ކުންފުނިން ހިންގުމާއި ހަވާލުވި ފުރަތަމަ ނަރުދަމާ ނިޒާމުކަން ފާހަގަކުރައްވާފައެވެ. އަދި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަކީ، އުކުޅަހުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން ދިޔަ ކަމެއް ކަމަށާއި މި މަޝްރޫއުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑު ކުރިއެރުމެއް ލިބެމުންދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި އުކުޅަހުގެ ފެނުގެ ނިޒާމު ހަރުދަނާކުރުމަށް އައު އާރު.އޯ ޕްލާންޓެއް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ނިމޭނެކަންވެސް މުޣުނީ ފާހަގަކުރެއްވިއެވެ.

"މިއަދަކީ އަޅުގަނޑުމެން ސްޓެލްކޯއަށް ވަރަށް އުފާވެރި ދުވަހެއް. މި ރަށަކީ އަޅުގަނޑުމެން ފެނުގެ ނިޒާމުގެ މަސައްކަތާއި ހަވާލުވުމަށް ކަނޑައްތުކުރާ ރާސްތާ ފެށި މަންޒިލް. އަދި މިއަދު ނަރުދަމާ ނިޒާމު ހިންގުމުގެ މަސައްކަތާ ހަވާލުވުމުގެ މަސައްކަތް ފެށިގެން މިދަނީވެސް މިރަށުން. މިއީ ވަރަށް ބޮޑު ޒިންމާއެއް. މިކަން އަޅުގަނޑުމެން ފުރިހަމަކަމާއި އެކު ކުރާނެކަމުގެ ޔަޤީންކަން އަރުވަން." ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްވަނީ ރަށުގައި އެކަށޭނަ ނަރުދަމާ ނިޒާމެއް ނެތުމުން ވޭތުވެ ދިޔަ ތަނުގައި ރަށުގެ ރައްޔިތުން އުފުލަންޖެހުނު އުނދަގޫތައް ފާހަގަކުރައްވާފައެވެ. އަދި 2017 ވަނަ އަހަރުގެ ބަޖެޓްގައި މި ޕްރޮޖެކްޓް ހިންގަން ބަޖެޓް ކުރެވިފައި ނެތްނަމަވެސް މި މަސައްކަތަށް ބުރުލެއް ނާރާ ސްޓެޓިކް ކުންފުނިން މަސައްކަތް ކުރިއަށް ގެންދިއުމަކީ އުކުޅަހު ރައްޔިތުން ސްޓެޓިކް ކުންފުންޏަށް ޝުކުރުވެރިވާ ކަމެއްކަމަށްވެސް އުކުޅަހު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވޭތުވެ ދިޔަތަނުގައި ނަރުދަމާ ނެތުމުން ގިނަ އުނދަގޫތަކެއް އުފުލައިފިން. މި ޕްރޮޖެކްޓް އަސްލު 2017 ގެ ބަޖެޓްގައި ނެތް. އެހެންމަވެސް މި މަސައްކަތަށް ބުރުލެއް ނާރާ ސްޓެޓިކް ކުންފުނިން މަސައްކަތް ކުރިއަށް ގެންދިއުމަކީ އުކުޅަހު ރައްޔިތުން ސްޓެޓިކް ކުންފުންޏަށް ޝުކުރުވެރިވާނެކަމެއް." އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވިއެވެ.

2017ވަނަ އަހަރު ފެށި އއ. އުކުޅަހުގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ސަރުކާރުން ޕްރޮޖްކްޓްގެ 70 އިންސައްތަ އަދި ސްޓެޓިކް ކުންފުނިން 30 އިންސައްތަ ޚަރަދު ކުރާ ގޮތަށެވެ.