ޚަބަރު

އަމިއްލަ ފަރާތްތަކަށްވެސް ޓެކްސީ ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ


ޓެކްސީ މީޓަރު އެޕްލިކޭޝަންގެ ޚިދުމަތް މެދުވެރިކޮށް ޕްރައިވެޓް ހަޔަރ ތަކަށްވެސް ޓެކްސީ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ނަޒީޒު ވިދާޅުވީ މި އެޕްލިކޭޝަންގައި ރަޖިސްޓްރީ ވުމަށް ދެމަސްދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ. ނަޒީރު ވިދާޅުވީ މާލޭގައި އެއް ހާސް ދުއިސައްތައެއްހާ ޓެކްސީ ދަތުރުކުރާއިރު ޑިމާންޑާ އެއްވަރަށް ޚިދުމަތް ނުލިބޭކަމުގެ ޝަކުވާތައް ލިބޭކަމަށެވެ. ކަން މިހެންހުރުމާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދަތިތައް ޙައްލުކުރުމަށް އަމިއްލަ ފަރާތްތަކަށްވެސް ޓެކްސީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވީކަމަށް އޭނާ ވިދާޅުވިއެވެ.

އަމިއްލަ ފަރާތްތަކަށް ޓެކްސީގެ ޚިދުމަތް ދެވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ހުއްދަ ނެގުމަށްފަހު އެޕްލިކޭޝަންވެސް އެޅުމަށްފަހުއެވެ. ޓެކްސީ ޚިދުމަތް މޯބައިލް އެޕްލިޝަން މެދުވެރިކޮށް ފޯރުކޮށްދިނުމަށް މިނިސްޓްރީއިންވަނީ ތިން ފަރާތަކަށް ހުއްދަވެސް ދީފައެވެ. އެޕްލިކޭޝަންގެ ހުއްދަ ދީފައިވަނީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް އެންމެ ރަނގަޅަށް ހަދާފައިވާ އެޕްލިކޭޝަންތަކަށެވެ. ހުއްދަ ދީފައިވާ 3 ފަރާތަކީ އަވަސް ރައިޑް، އޭއައިއީ އަދި ޕިކްމީއެވެ.

ޓެކްސީ މީޓަރު އެޕްލިކޭޝަނަކީ މިނިސްޓްރީން އޮޕަރޭޓް ކުރަމުންދާނެ ނިޒާމެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކުރާ ދަތުރުގެ އަދަދާއި ކަސްޓަމަރުންގެ ފީޑްބެކާއި މިނޫންވެސް މުހިންމު މަޢުލޫމާތުތަކެއް މިއެޕްލިކޭޝަންގެ އެހީގައި އެނގި ބެލެހެއްޓިގެންދާނެއެވެ.

މިނިސްޓްރީންވަނީ 1 އޮގަސްޓުން ފެށިގެން ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ރަޖިސްޓްރީކޮށްގެން އޮޕަރޭޓްކުރާ ހުރިހާ ޓެކްސީތަކެއްގައި އެޕްލިކޭޝަން ބޭނުންކުރަން ޖެހޭނެކަން އަންގާފައެވެ.