ޚަބަރު

ޤާޟީ ހައިލަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި


ކްރިމިނަލް ކޯޓްގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި ޤާޟީ ހައިލަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަން ނިންމާފައިވީނަމަވެސް އެމައްސަލައިގެ ތަފްސީލެއް ހާމަކުރައްވާފައެއްނުވޭ. ކްރިމިނަލްކޯޓްގެ އިސް ޤާޟީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ނިންމާފައިވާއިރު، ކްރިމިނަލް ކޯޓްގައި ގިނަ މައްސަލަތަކެއް ނުނިމިހުރި މައްސަލާގައި ޖޭއެސްސީންވަނީ މަޖިލީހަށް ރިޕޯޓެއް ހުށަހަޅާފައެވެ. މިރިޕޯޓާގުޅިގެން މަޖިލީހުގެ ގިނަ މެމްބަރުންނާއި ޢާންމުންގެ ފާޑުކިޔުން ކްރިމިނަލް ކޯޓަށް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިރިޕޯޓާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދެއްކެވި ބައެއް މެމްބަރުންވަނީ ކްރިމިނަލް ކޯޓްގައި ޢާންމު ރައްޔިތުންނާ ގުޅުންހުރި އެތައް މައްސަލައެއް ނުނިމި ތާށިވެފައި އެތަކެއް އަހަރުވަންދެން ހުރިކަމީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިގޮތަށް ނުނިމިހުރި މައްސަލަތަކަށްބަލާއިރު ބަދު އަޚުލާގީ މައްސަލަތަކާއި، ކުޑަކުދިންނާބެހުމުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތައްވެސް ހިމެނޭކަމަށް މަޖިލީހުގެ މެމްބަރުން ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓްގެ އިސް ޤާޟީ ހައިލަމްގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު ހައިލަމަކީ މިހާރު ކްރިމިނަލް ކޯޓްގައި ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތްވެސް ބައްލަވާ ޤާޟީކަން ފާހަގަކޮށްލެވެއެވެ.