ޅ.ހިންނަވަރުގެ ގޯތިގެދޮރުގެ ދަތިތައް ޙައްލުކުރުމަށް އުންމީދީ މަޝްވަރާތަކެއް ސަރުކާރާއެކު ކުރެވިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހިންނަވަރުގެ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމަށް 2009ވަނަ އަހަރު ފަންސާސް ހަތަރު ހެކްޓަރުގެ ބިން ހިއްކާފައިވީނަމަވެސް މިއަދާހަމައަށް އައިއިރުވެސް އަލަށް ހިއްކި ބިމުގެ ބޭނުންހިފިފައެއްނުވެއެވެ.
އާބާދީގައި 4910 މީހުން ރަޖިސްޓްރީވެފައިވާ ޅ.ހިންނަވަރަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މި މައްސަލައިގެ ސަބަބުން ރަށުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ގިނަބަޔަކު މާލެއާ ކައިރި ރަށްރަށަށް ދިރިއުޅުން ބަދަލުކޮށްފައިވެއެވެ.
ގޯތި ދޫކުރުމުގެ މަސައްކަތް ވޭތުވެދިޔަތަނުގައި ކުރެވިފައި ނުވުމުން މި ރަށުގެ 15 އާއިލާއެއް އަމިއްލަ ވަޒަނުގައި ކުއްޔަށް އުޅެމުންދެއެވެ. އެގޮތުން މި ރަށުގެ ގެތަކަށް އަޅުގަނޑު ޒިޔާރަތްކޮށްލުމުން ފެނިގެންދިޔައީ ކޮންމެ ގެޔެއްގައިވެސް 10 ބާރަ އާއިލާއެއް ދެތިން ކޮޓަރީގައި އުޅެމުންދާ މަންޒަރެވެ.
މި މައްސަލައިގެ ސަބަބުން އިޖުތިމާޢީ ގިނަމައްސަލަތައްވެސް ރަށަށް މިހާރުވަނީ ކުރިމަތިވެފައެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކެވި ބައެއް ފަރާތްތަކުންވަނީ އެފަރާތްތަކުގެ ހިތާމަވެރި ދިރިއުޅުމުގެ ޙާލަތު ހިއްސާކޮށްފައެވެ. އެގޮތުން އެ ފަރާތްތަކުން ވަނީ ކުޑަ ތަންކޮޅެއްގައި އެތަށް އާއިލާއެއް އުޅެން ޖެހުމުން ތަހައްމަލުކުރާ ވޭން ހިއްސާ ކޮށްފައެވެ. ޅ.ހިންނަވަރުގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ، މިމައްސަލައިގެ ސަބަބުން ވޭތުވެދިޔައަހަރު ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން މީހަކު ރަށުން ރަޖިސްޓްރީ ބަދަލުކުރުމަށް ކައުންސިލަށް ހުށަހަޅާކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ އާބާދީ މިހާރު ދެހާހަށް ދަށްވެފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރުމަށް 2009ވަނަ އަހަރު 54 ހެކްޓަރުގެ ބިން ހިއްކާފައިވާކަން ފާހަގަކުރައްވައި ކައުންސިލްގެ ރައީސް ވިދާޅުވީ، މިބިމުގެ ލޭންޑް ޔޫސް ޕްލޭން މިހާރު ތައްޔާރުކޮށް މުޅިން ނިމިފައިވާކަމަށެވެ. އެގޮތުން މިޕްލޭން ސަރުކާރާ ޙިއްސާކޮށްފައިވާއިރު، ޅ.ހިންނަވަރުގެ ގޯތިގެދޮރުގެ ދަތިތަށް ހައްލުކުރުމަށް އުންމީދީ މަޝްވަރާތަކެއް ސަރުކާރާއިއެކު ކުރެވިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"އަސްލު މިރަށް މިއޮތީ މުޅިން އަލުން އާބާދުކުރަން ޖެހިފައި، އެހެނީ ރަށަށް ބަލާލުމުން މިކަމުގެ ސަބަބު ބަލަން އެބަ ޖެހޭ. މި މައްސަލަ ވަރަށް ދިގު ދެމިގެން ގޮސްފި. މި މައްސަލަ ހައްލުކުރުމަށް ސަރުކާރާއިއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވޭ." ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.
ޅ.ހިންނަވަރުގެ މައްސަލަހައްލުކުރުމަށް ތަރައްޤީކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ވަކިސަރަހައްދުތަކެއް ކަނޑައަޅާފައިވާއިރު، ގެސްޓް ހައުސް އަދި ރޯ ހައުސްތަށް ތަރައްޤީކުރުމަށްވެސް ބިން ވަނީ ވަކިކޮށްފައެވެ. އަދި ހަމަމިއާއިކު އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތަށް ކަނޑައަޅާފައިވާއިރު، އާއިލާތަކާއިއެކު ވަގުތު ހޭދަކޮށްލުމަށް ޕާކްތަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.