ރިތިކް ރޯޝަނާއި ޓައިގަރ ޝްރޮފް އެކުގައި ފެނިގެންދާ ފިލްމް "ވަރ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.
މި ފިލްމްގެ އޮފިޝަލް ޓީޒަރ ޔޫޓިއުބްގައި މިހާރު އާއްމުކޮށްފައިވާއިރު، މިއީ ދެ ފަންނާނުގައި އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ރިތިކާއި ޓައިގަރގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާ މުހިއްމު މޫނުތަކުގެ ތެރޭގައި ވާނީ ކަޕޫރާއި، އަޝޫތޯޝް ރާނާއި، ދަލިޕް ތާހިލް ހިމެނެއެވެ.
ކާމިޔާބު ފިލްމުތަކެއް ބޮލީވުޑަށް ނެރެފައިވާ "ޔާޝް ޗޯޕްރާ"ގެ ކުޑައިގެ ދަށުން އުފައްދާ މި ފިލްމް ޑައިރެކްޓުކޮށްފައިވަނީ 2014 ވަނަ އަހަރު ނުކުތް ފިލްމް "ބޭންގް ބޭންގް"ގެ ޑައިރެކްޓަރ ސިދްހާދް އާނަންދެވެ. މި ފިލްމްގެ ޝޫޓިން މިދިޔަ ސެޕްޓެމްބަރު މަހު ފަށާފައިވާއިރު، ބެލުންތެރިންނަށް މި ފިލްމުން ތަފާތުކަމެއް ފެނިގެންދާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ.
ރިތިކް ރޯޝަނާއި ޓައިގަރ ޝްރޮފްގެ މިޒާޖުގައި އެއްގޮތް ކަންތައްތަކެއް ހުރެފައި، ދެ ތަރިންނަކީވެސް ނެށުމުގައި ދާދިއެއްގޮތްކަމެއް ގެންގުޅޭ ދެ ތަރިންކަމުން، މި ދެ ފަންނާނުން އެކުގައި ފިލްމަކުން ފެނިގެންދިއުމަކީ ވަރަށް ގިނަ ބަޔަކު ދެކެމުންދިޔަ ހުވަފެނެކެވެ. އެކަކު އަނެކަކުގެ މައްޗަށް ކުރި ހޯދަން ކޮންމެ ފަދަކަމެއްވެސްކޮށްފާނެކަން މި ފިލްމުގެ ޓީޒަރ ޓްރެއިލަރއިން ދައްކައިދޭއިރު، މިއީ މިއަހަރު ބޮލީވުޑް ސްކްރީންތަކަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވެގެންދާނެކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މި ފިލްމުގައި ޓައިގަރއާއި ރިތިކްއާއި ދެމެދު ފޯރިގަދަ "ޑާސް-އޮފް"އެއް ކުރިއަށްދާނެކަމަށް ބެލެވޭއިރު، މިއީ މި ދެތަރިންގެ ފޭނުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.
އެކްޝަން ތްރިލަރ ފިލްމް "ވަރ" އަކީ ރިތިކާއި ޓައިގަރގެވެސް މިއަހަރު ރިލީޒްކުރާ ދެވަނަ ފިލްމެވެ. ޓައިގަރގެ މިއަހަރުގެ ފުރަތަމަ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔަރ 2" މޭމަހުގެ 9 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު، ރިތިކްގެ "ސުޕަރ-30" ވަނީ މިމަހުގެ 12 ވަނަ ދުވަހު ރިލީޒްކޮށްފައެވެ.
"ވަރ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުއެވެ.