ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭނަން - ރައީސް


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ޙާއްސަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ގުޅިގެންދޭ "ރިވެލި އެވޯޑް 2019" ދިނުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީވެސް ނާޤާބިލު މީހެން ނޫންކަމާއި، އެފަދަ ފަރާތްތަކަކީވެސް ފަންނުވެރިކަމާއި ހުނަރުވެރިކަން ހުރިބައެއްކަން މިފަދަ ކޮންމެ ރަސްމިއްޔާތަކުން ސާބިތުކޮށްދެމުންދާކަމަށެވެ. އަދި ޤާބިލު މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުންވެސް ރާއްޖެއަށް ރީތިނަން ހޯދައިދީ، މުޅި މުޖުތަމަޢުއަށް ނަމޫނާ ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ސަރުކާރުގެ ވިސްނުން ހުރިގޮތުގެ މައްޗަށް އިޝާރާތްކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އެމަނިކުފާނު ގެންގުޅުއްވާ އެންމެ މުހިއްމު ސިޔާސަތުކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަމިއްލައަށް އާމްދަނީއެއް ހޯދައިގެން ދިރިއުޅުން ފެށޭނެ ފަސޭހަ މަގެއް ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ހައްލުކުރުމަށް ސަރުކާރުގެ ތެރެއިން ޙާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގައިވެސް ވަކި ކޯޓާއެއްގެ ތެރެއިން ހަމަޖެއްސުމުގެ އުޞޫލެއް އެކުލަވާލަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން އަދިވެސް ވަނީ ފާހަގަވެފައި.. ބޯހިޔާވަހިކަމާއި ހަރަދުތައް ހަމަޖެސެއްމުގައި އަދިވެސް ގޮންޖެހުން އެބަހުރި.. އެ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ ތެރެއިން މިދަނީ މަސައްކަތް ކުރަމުން.. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަން ސަރުކާރުން ވަނީ ނިންމާފައި.. އަމިއްލަ އަށް އާމްދަނީއެއް ހޯދައިގެން ދިރިއުޅުމެއް ފެށުމަކީ އެފަރާތްތަކަށް އުނދޫގަމެއް.. އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އަދިވެސް ބައެއް ފަރާތްތަކުން ފަސްޖެހޭކަން ފާހަގަކުރަން.. ވަޒީފާގެ ދާއިރާއިންވެސް ހާއްސަ ކޯޓާއެއް ހަމަޖައްސާ، ފަސޭހައިން ވަޒީފާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މިދަނީ މަސައްކަތް ކުރަމުން.." ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން ދެނެގަންނަންޖެހޭ ކަމަށާއި، އެފަދަ ފަރާތްތަކަށްވެސް ބޭނުންވާ ތަޢުލީމާއި ތަމްރީންގެ ފުރުޞަތު ފަހިކޮށްދިނުން މުހިއްމު ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ އެފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާ އެންމެ އެކަށީގެންވާގޮތުގައި ރާއްޖޭގައި އަދިވެސް ލިބެންނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އަމިއްލަ ރަށުގައި ތިބެގެން ބޭނުންވާ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރަން 2010 އަހަރު ޤާނޫނެއް އެކުލަވާލާ އެއަށް އަމަލު ކުރަން ފެށިނަމަވެސް އެ ފަރާތްތަކަށް ބޭނުންވާ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި އަދިވެސް މައްސަލަ އެބަހުރި.. އެމީހުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ރާއްޖޭގައި އެންމެ އެކަށީގެންވާގޮތުގައި ޤާއިމުވެފައެއްނެތް.. އަދި ޚިދުމަތްތަކުގެ އަގުވެސް އެހާ ބޮޑު. މިކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މި އަންނަނީ މަސައްކަތް ކުރަމުން.. ސަރުކާރުން މިހާރުން ނިންމާފައިވަނީ ކޮމިއުނިޓީ ބޭސްޓް ރިހެބިލީޓޭޝަން ޚިދުމަތް ފޯރުކޮށްދިނުމަށް.. މީގެ ބޭނުމަކީ އަމިއްލަ ރަށްރުގައި ތިބެގެން ބޭނުންވާ ފަރުވާއާއި ތެރަޕީ ލިބޭނެ ގޮތް ހަމަޖެއްސުން.." ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް މުޖުތަމަޢުގެ ތެރެއިން ހަވާސާވިޔަނުދީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޙާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާނެކަން ފާހަގަކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ މީހުން އަދިވެސް ރާއްޖޭގައި މަދުކަމަށެވެ. އެހެންކަމުން މި ދާއިރާއިން ފަންނީ މީހުން ބިނާކޮށް ތަމްރީންކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާ، އެ މަސައްކަތުގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.